ENGLISH
17 ނޮވެމްބަރު 2025
ކުރިއަށް އޮތީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ތިން އަހަރު: ނާއިބު ރައީސް
17 ނޮވެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް --
ކުރިއަށް އޮތް ތިން އަހަރަކީ ތަރައްގީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ތިން އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެއަހަރު ފުރުމުގެ މުނާސަބަތުގައި ޕަބްލިކް ސަރވިސް މީޑިޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގަ އެވެ.
ވޭތުވެދިޔަ ދެ އަހަރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި ލިބިވަޑައިގެންފައިވާ ކާމިޔާބީތަކަށް ބައްލަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި ދައުލަތް ހިންގެވުމާއި ހަވާލުވެވަޑައިގެންނެވި އިރު، ދައުލަތާއި ޤައުމުގެ ހާލަތު އޮތް ގޮތް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން، ވެރިކަމުގެ ފުރަތަމަ ދެތިން މަހުގެ ތެރޭގައި، އޭރު އޮތް ރައްޔިތުން މަޖިލިހުގެ މެޖޯރިޓީ އޮތީ އިދިކޮޅަށް ކަމަށްވުމުން، ސަރުކާރުން ހިންގަން ބޭނުންވި ތަރައްޤީގެ ގިނަ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިކުރުވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޤާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް މަޖިލިހުގެ ތެރެއިން ވައްޓާލުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ޤައުމީ ތަރަައްގީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނޭ ތިން އަހަރު ކަމަށެވެ.
ދަތި އުނދަގޫ، ނަމަވެސް އެކަމެއް ކުރުމުގެ ސަބަބުން ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ގާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭ ކަންކަން ކަމަށެވެ. މީގެ ސަބަބުން، ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރާއި ދައުލަތް ހިންގުމުގަައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެމަނިކުފާނު އަތޮޅުތަކުގެ ތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައިވެސް ހުއްޓަވާނުލައްވައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި އެވެ.
އަދި، ރައީސުލްޖުމްހޫރިއްޔާގެ އަމާޒާއި ވިސްނުންފުޅު އަބަދުވެސް ގެންގުޅުއްވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށް، އެއަރޕޯޓް ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރަށް ރައްޔިތުން މިހާތަނަށް ދެއްވާފައިވާ ތާއީދާ، ކުރައްވާ އިތުބާރު، ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވަމުން ގެންދަވާނޭކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި އެވެ. އަދި، ޤައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިޤުތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކުރުމުގައި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.