ENGLISH
17 ނޮވެމްބަރު 2025
ކާމިޔާބު 104؛ އިއާދަކުރަނަވި ހަކަތަައިން ކަރަންޓު އުފައްދާ މިންވަރު ދެގުނަ އިތުރުކޮށްފި
17 ނޮވެމްބަރު 2025
|
މަގޭ ސޯލާ މަޝްރޫއުގެ ދަށުން ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަނީ
ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ އަދި ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ ރާއްޖެއަށް ބޭނުންވާ ކަރަންޓު ނުވަތަަ ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުވުމެވެ.
ކޮންމެ އަހަރަކު ޑީސަލް އެތެރެކުރުމަށް 250 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިވެހި ދައުލަތުން ހަރަދުކުރެއެވެ. ޑީސަލް އެތެރެކުރުމަށްފަހު ޑީސަލް ސްޓެލްކޯއާއި ފެނަކަ ފަދަ ކުންފުނިތަކަށް ފޯރުކޮށްދެނީ ގަންނަ އަގަށްވުރެ ދެބައިކުޅަ އެއްބައި ހެޔޮ އަގުގައެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ކަރަންޓު އަގުހެޔޮކުރުމުގެ ސަބްސިޑީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.
މިއީ އިގުތިސާދީ އަދި މާލީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރެއެވެ. މައްސަލަައިގެ ހައްލުގެ ގޮތުގައި އެ އިދާރާތަކުން ފާހަގަކުރަމުންދަނީ އިއާދަކުރަނަވި ވަސީލަތްތަކުން ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް، ހަކަތަ އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމެވެ.
ރާއްޖެއަކީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް ނޭދެވޭ އަސަރުކުރާ އެއް ގައުމަށްވުމާއެކު، ބައިނަލްއަގުވާމީ މަސްރަހުގައި މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، ޖައްވުގެ ހޫނުމިން މަތިވެ، ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު މަތިވަމުންދާ ދިއުމާމެދު ދުނިޔެއިން އަޅަންވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ގައުމަކީ ރާއްޖެއަށްވާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ނިސްބަތް މަދުކުރުމުގެ މަސައްކަތުގައި ރާއްޖެއިން ނަމޫނާ ދައްކަންޖެހެއެވެ.
މިދެންނެވި ހުރިހާ މަންޒޫރަކުންވެސް އިއާދަކުރަނަވި ވަސީލަތްތަކުން ހަކަތަ އުފައްދާ މިންވަރު އިތުރުކުރަން ރާއްޖެއިން މަސައްކަތްކުރަންޖެހިފައިވީ ނަމަވެސް ފާއިތުވި 40 ވަރަކަށް އަހަރު ތެރޭގައި ބަދަލުވަމުންދިޔަ ސަރުކާރުތަކުން ކުރި މަސައްކަތުން ރާއްޖޭގައި އިއާދަކުރަނަވި ހަކަތަ އުފެއްދުމަށް ވަސީލަތްތައް ގާއިމުކުރެވިފައިވަނީ ވަރަށް ކުޑަކޮށެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު އިއާދަކުރަނަވި ވަސީލަތްތަކުން ރާއްޖޭގައި އުފައްދަނީ އެންމެ 53 މެގަވޮޓުގެ ކަރަންޓެވެ. ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މި ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައި އިއާދަކުރަނަވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް އެކި ޕްރޮގުރާމުތަކާއި ސިޔާސަތުތައް ތަންފީޒުކުރަން ފެއްޓެވިއެވެ.
އެ މަސައްކަތްޕުޅުގެ ނަތީޖާއަކީ މިހާރު ރާއްޖޭގައި އިއާދަކުރަނަވި ވަސީލަތްތަކުން 110 މެގަވޮޓުގެ ކަރަންޓު އުފައްދަމުންދިއުމެވެ. އެހެންކަމުން ރައީސްގެ ވެރިކަމުގެ ދެ އަހަރު ތެރޭ ކުރީގެ އެތައް ދަހަރެއްގައި އިއާދަކުރަނަވި ހަކަތަ އިތުރުކުރެވިފައި ނެތް މިންވަރަަށް މިވަނީ އިތުރުކުރެވިފައެވެ.
އޭގެ އިތުރަށް އެސްއީޒެޑް ގާނޫނުގެ ދަށުން 101 މެގަވޮޓުގެ ހަކަތަ އިއާދަކުރަނަވި ވަސީލަތްތަކުން އުފެއްދުމުގެ ބޮޑު މަޝްރޫއެއް މިހާރުވަނީ ހަވާލުކުރެވިފައެވެ. މި ހަކަތަ ބޭނުންކުރަނީ މާލޭ ސަރަހައްދުގެ ކަރަންޓު ގްރިޑުގެ ތެރެއިން މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށެވެ.
ހަމައެހެންމެ މުޅި ރާއްޖޭގައި އިއާދަކުރަނަވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މަގޭ ސޯލާގެ ނަމުގައި ބޮޑު މަޝްރޫއެއް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. ފުރަތަމަ މަރުހަލާގއި 1.5 މެގަވޮޓްގެ ސޯލާ ޕެނަލް ރާއްޖޭގެ އެކި ރަށްރަށުގައި އެކަމަށް އެދޭ ގޭބީސީތަކުގައި އިންސްޓޯލު ކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ. މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ މަރުހަލާ ތަންފީޒުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.
މި މަސައްކަތްތައް ސަރުކާރުން ކުރަމުންދަނީ ދުބާއީގައި އޮތް ކޮޕް ސަމިޓުގައި ރައީސް އިއުލާނުކުރެއްވި އަމާޒު ކަމުގައިވާ ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނަވި ހަކަތައަށް ހެދުމަށް ކުރަމުންދާ ބޮޑު މަސައްކަތުގެ ތެރެއިންނެވެ. ސަރުކާރުގެ ފުރަތަމަ ދެ އަހަރުން ފެނުނީ އެ އަމާޒަށް ވާސިލުވުމުގެ ތަސައްވުރާއި، އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ހަކަތަ ސަރުކާރުގައި އެބަހުރި ކަމެވެ. އެ ސިޔާސީ އަޒުމު ރައީސްގެ އަމަލުފުޅުން ދައްކަވާ ކަމެވެ.