ENGLISH
17 ނޮވެމްބަރު 2025
ދެ އަހަރު ތެރޭ މާލޭ ކަރަންޓު ގްރިޑަށް ބޮޑު ކުރިއެރުމެއް؛ އައު 20 ޖެންސެޓު އިތުރުކުރެވުނު
17 ނޮވެމްބަރު 2025
|
މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތްދޭ ސްޓެލްކޯއިން ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި
ފާއިތުވި ދެ އަހަރު ތެރޭ މާލޭ ސަރަހައްދުގެ ކަރަންޓު ގްރިޑު ތަރައްގީކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މާލޭ ސަރަހައްދުގެ ކަރަންޓު ގްރިޑަށް ހައި ސްޕީޑުގެ 20 ޖެންސެޓު އިތުރުކޮށްފިއެވެ.
މާލޭ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދެމުންދާ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ހުސަައިން ފަހުމީ ކުރިން ވިދާޅުވި ގޮތުގައި މާލޭ ސަރަަހައްދުގެ ކަރަަންޓުގެ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ފާއިތުވި އެމްޑީޕީ ސަރުކާރުގައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސްޓެލްކޯއިންވަނީ މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކުގައި ލޯޑު އިތުރުވި ނަމަވެސް ކަރަންޓުގެ ހިދުމަތަށް ބުރޫނާރާނެކަން ކަށަވަރުކުރުމަށް ގިނަ މަސައްކަަތްތަކެއް ކޮށްފައެވެ.
އެގޮތުން މާލޭ ސަރަހައްދުގައި ކަރަންޓަށް އޮތް ޑިމާންޑު އިތުރުވަމުންދާ މިންވަރަށް ބަލައި، ސްޓެލްކޯއިންވަނީ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ހުޅުމާލޭގައި ސްޓެލްކޯގެ އެނެކްސް ގާއިމުކޮށް ހައިސްޕީޑު ޖެންސެޓުތައް ގެނެސް އިންސްޓޯލްކޮށް އެ ޖެންސެޓުތަކުން ހިދުމަތް ދޭން ފަށާފައެވެ.
އެގޮތުން ހުޅުމާލޭ ފުރަަތަމަ ފިޔަވަހީގައި ގާއިމުކުރި އެނެކްސްއަށް 2024 ވަނަ އަހަރު 1.6 މެގަވޮޓުގެ ހައި ސްޕީޑު އަށް ޖެންސެޓު ގެނެސް، އެތަކެތި އިންސްޓޯލްކޮށް ހިދުމަތް ދިނުމަށް ބޭނުންކުރަން ފެށިއެވެ.
އަދި ހިނގަމުންދާ 2025 ވަނަަ އަހަރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ އިތުރު އެނެކްސްއެއް ގާއިމުކޮށް އެ ތަނަށް 1.6 މެގަވޮޓުގެ ހައިސްޕީޑު ޖެންސެޓުގެ 12 ޖެންސެޓު ގެނެސް އިންސްޓޯލްކޮށް ހިދުމަތުގައި ބޭނުންކުރަންވަނީ ފަށާފައެވެ.
މިއާއެކު މާލެ ސިޓީގެ ކަރަންޓު ގްރިޑުގެ ގާބިލުކަން ވަރަށް ބޮޑަށް އިތުރުވެ، ލޯޑް ބޮޑުވި ނަމަވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަންނުޖެހި ހިދުމަތް ދެވޭނެކަން ކަށަވަރުކުރެވިފައިވެއެވެ.