ENGLISH
17 ނޮވެމްބަރު 2025
ރައީސް، ޒެމްބިއާ ބެޑްމިންޓަން ސީރީޒްގައި މެޑަލް ހޯދި އެތުލީޓުންނަށް ތަހުނިޔާ ވިދާޅުވެއްޖެ
17 ނޮވެމްބަރު 2025
|
ޒެމްބިއާ މުބާރާތުގައި މެޑަލް ހޯދި ރިވައިވަލްގެ ޒަޔާން (ކ)، ނަބާ އަދި ނަބީ (ވ).
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒްގައި ރާއްޖެ ފަހުރުވެރިކޮށްދިން މެޑަލް ހޯދި ރިވައިވަލް ސްޕޯޓްސްގެ އެތުލީޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ބެޑްމިންޓަން ކްލަބް ރިވައިވަލް ސްޕޯޓްސްއިން ވަނީ ޒެމްބިއާ އިންޓަރނޭޝަނަލް މުބާރާތުގައި ވާދަކޮށް، މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހޯދައި އަންހެން ޑަބަލްސް ބައިން ރިހި މެޑަލް ހޯދައިފައެވެ.
މިކްސް ޑަބަލްސް ބައިން ރަން މެޑަލް ހޯދީ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤް (ނަބާ) ޙުސައިން ޒަޔާން ޝަހީދު ޒަކީ އެވެ. އަންހެން ޑަބަލްސް ކެޓަގަރީން ރިހި މެޑަލް ހޯދީ ނަބާއާއި އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤް (ނަބީ) އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ އެކުޅުންތެރިންނަށް ތަހުނިޔާ ދަންނަވައިފައެވެ.
"މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަން މެޑަލް. ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއާއިން ވަނީ ރިހި މެޑަލްވެސް ހޯދާފައި. މި ޝަރަފްވެރި ކާމިޔާބީތައް ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި އެތުލީޓުންނަށް ތަހުނިޔާ ދަންނަވަން." - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
މިކްސް ޑަބަލްސް ފައިނަލުން ނަބާ އާއި ޒަޔާން މޮޅުވީ، މިސްރުގެ ޢިއްޒަތު ކަރީމް އާއި ނޫރު އަޙްމަދުގެ ޕެއާއާ ވާދަކޮށެވެ. ރިވައިވަލްގެ ދެކުޅުންތެރިން އެ މެޗު ކާމިޔާބުކުރީ 18-21 އަދި 20-22 އިންނެވެ.
އަންހެން ޑަބަލްސް ފައިނަލުގައި ނަބާ އާއި ނަބީއަށް ރިހި މެޑަލް ލިބުނުއިރު، ފައިނަލުގައި ވަނީ ދެކުނު އެފްރިކާގެ އެމީ އެކަމަން އާއި ޖޮހަނީޓާ ޝޮލްޓްޒް އަތުން ބަލިވެފައެވެ. އެ މެޗުތައް ނިމުނީ 21-16 އަދި 21-14 އިންނެވެ.