ENGLISH

17 ނޮވެމްބަރު 2025

Advertisement

"ބޯހިޔާވަހިކަން އެންމެނަށް" - އަމާޒަކީ ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ހޯދާދިނުން

16 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް --

ދިވެހިރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" މިރޭ ރަަސްމީކޮށް އިފްތިތާޙު ކުރައްވައިފި އެވެ. 

ބޯހިޔާވަހިކަން ކަށަވަރުކޮށްދީ ގެދޮރުގެ ދަތިކަމަށް އޮތް ގޮންޖެހުން ފިލުވާލުމަކީ ރައީސް މުޢިއްޒުގެ އެންމެ ބޮޑު އަމާޒެވެ.

އެ އަމާޒަށް ވާސިލުވުމަށް މިރޭ އިފްތިތާހުކުރެއްވި  "ބޯހިޔާވަހިކަން އެންމެންނަށް"  ސިޔާސަތަކީ ވަށާޖެހޭ އަދި އަދުލުވެރިކަމާއެކު އެ ފުރުސަތު ފަހިކޮށްދޭނެ އުސޫލުތައް ހިމެނޭ ސިޔާސަތެކެވެ. މިރޭ އޮތް ރަސްމިއްޔާތެއްގައި އެ ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް އެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މިރޭ އިފްތިތާޙުކުރި ސިޔާސަތާއެކު ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އުސޫލުތައް ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ތަފާތު ހަތަރު ކެޓަގަރީއަކުން މަޝްރޫޢުތައް ހިންގާނެ އެވެ. އެއީ މާގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުޞޫލުން ހައުސިންގ ޔުނިޓާއި ގޯތި ގަތުމުގެ މަގުފަހި ކުރެވޭ އުސޫލުން ހިންގާ ސްކީމަކާއި މެދު ފަންތީގެ ޢާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެފޯޑަބަލް ހައުސިންއަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ސްކީމްތަކާއި   އަމިއްލަ ބޯހިޔާވަހިކަމެއް ގަތުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް ރެންޓް ޓު އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ މަގު ތަނަވަސް ކޮށް ދިނުމާއި އެންމެ ފަޤީރު ޙާލަތުގައިވާ ދިރިއުޅޭނެ ތަނެއް ނެތް ޢާއިލާތަކަށް ސަރުކާރުން ހަދާ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ގޮތް ފަހިކުރުމަށް ކުރިއަށް ގެންދާ ކެޓަގަރީ އެވެ.

މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ހައްލުކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ރަސްމާލޭ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހަލުއިކޮށް، ފުރަތަމަ ފިޔަވަހިން 15،000 ގޯތި ދޫކުރަން ހުޅުވައިލާނެކަމަށް އެމަނިކުފާނު މިހާރުވެސް ވަނީ އިޢުލާނު ކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި 15،000 ގޯތި ދޫކުރަނީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި، މާލޭ ދަފުތަރުގައި ޖެހިފައިވާ މީހުންނަށެވެ. އަދި މާލޭގެ ކުދިކުދި ގޯޅިތަކުގައި ހުރި ގޯތިތަކުގައި ދިރިއުޅޭ މީހުންނަށް ގޯތި ނުހެދޭތީ އެތަންތަން ލާޖައްސާ އުސޫލުން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ގޯތި ދޫކުރާނެ އެވެ.

މިރޭ ޢާންމުކުރި "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތާއެކު އިންސާފުވެރިކަމާއެކު ގޯއްޗާއި ފްލެޓް ދޫކުރެވޭނެ ގޮތް ފަހިވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު