ENGLISH
16 ނޮވެމްބަރު 2025
ލާމަރުކަޒީ އިޞްލާޙް މަޖިލީހަށް; 2000 އަށް ވުރެ ކުޑަ އާބާދީތަކުގައި ތިން ކައުންސިލަރުން
16 ނޮވެމްބަރު 2025
|
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން، ލާމަރުކަޒީ ޤާނޫނަށް ވަނީ އިޞްލާޙް ހުށަހަޅާފައި. ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙް ގެންނަން، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މި ބިލް މަޖިލީހަށް ހުށައެެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް އެވެ.
ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި ފަލާޙް ހުށަހެޅުއްވި އިޞްލާޙް ހުށަހަޅައި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފަ އެވެ.
މެންބަރު ފަލާޙް ހުށަހެޅުއްވި އިޞްލާޙް ފާހަގަކޮށްފައިވާ އެއް ބަދަލަކީ 2000 މީހުންނަށް ވުރެ ކުޑަ އާބާދީތަކަށް ތިން ކައުންސިލަރުން އިންތިޚާބުކޮށް، އެއަށްވުރެ ބޮޑެތި އާބާދީތަކަށް ފަސް ކައުންސިލަރުން އިންތިޚާބު ކުރުމެވެ.
ތިން ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް އެއް ގޮނޑި ޚާއްސަކުރަން ޖެހެ އެވެ. ފަސް ކައުންސިލަރުން އިންތިޚާބުކުރާ ރަށްތަކުގައި އަންހެނުންނަށް ދެ ގޮނޑި ޚާއްސަކުރަން ޖެހެ އެވެ.
އާ އިޞްލާޙްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފުލްޓައިމްކޮށް މަސައްކަތް ކުރާނީ ކޮމިޓީގެ ރައީސް އެވެ. ކޮމިޓީގެ ރައީސް ހޮވާނީ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
އިތުރު ބަދަލުތަކަށް ބަލާއިރު މާލެ ސިޓީގައި އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދު 19 އިން 16 އަށް މަދުކުރުމަށް ވަނީ ހިމަނައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގައި މިހާރު މާލެ ސަރަޙައްދު ތަމްސީލުކުރައްވާ މެންބަރުންގެ އަދަދަކީ ވެސް 16 އެވެ.
އިޞްލާހުގައި ވަނީ ފުވައްމުލަށް ސިޓީ ކައުންސިލް މެންބަރުންގެ އަދަދު މޭޔަރާއެކު ނުވައެއް ކަމުގައި ހިމަނަން ވަނީ ހުށައަޅާފަ އެވެ. އެހެންނަމަވެސް ދެންހުރި ސިޓީތަކުގެ ކައުންސިލް މެންބަރުގެ އަދަދު ހިމަނާފައެއްނުވެ އެވެ.
މިދިޔަ އޯގަސްޓް މަހު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިޢުލާނުކުރައްވައިފަ އެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކައުންސިލަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ބޭނުންވާ ބާރުމިނުގައި ކައުންސިލްގެ އަތުގައި ހިފައިގެން މި ސަރުކާރުން ކުރިއަށްދާނެ ކަމަށެވެ.