ENGLISH

16 ނޮވެމްބަރު 2025

Advertisement

ކާމިޔާބު 104؛ ގައުމީ ހިދުމަތް ތައާރަފުކޮށް ސަރުކާރުން ޒުވާނުންގެ އަތުގައި ހިފައިފި

16 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ވަތަނީ ހިދުމަތް ރައީސް އިފުތިތާހުކޮށްދެއްވުމުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް މަގުމަތިވެ ކުރާނެ މަސައްކަތެއް ނެތި މަތީ ތައުލީމުގެ ފުރުސަތުތަކުން މަހުރޫމުވެ މުޖުތަމައުގެ ހަވާސާގައި ބޭކާރުވަމުންދިޔަ މައްސަލައަކީ ސަރުކާރުތަކުގެ ލޯތައް ކުރިމަތީ ހިނގަމުންއައި އެކަން ހައްލުކުރުމަށް މަސައްކަތެއް ނުކުރެވި އޮތް ބޮޑު މައްސަލައެކެވެ. 

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ އާބާދީއަކީ 53،537 ޒުވާނުންނެވެ. އެ އާބާދީގެ ތެރެއިން 10،416 ޒުވާނުންނަކީ ކުރާނެ މަސައްކަތެއް ނެތް ތަމްރީނާއި ތައުލީމުން މަހުރޫމުވެފައިވާ ބައެއްކަމަށްވެސް ބޯހިމެނުމުން ދައްކައެވެ. އެއީ ޒުވާނުންގެ އާބާދީގެ 19.5 އިންސައްތައެވެ. 

ގައުމެއްގެ އެންމެ ބޮޑު ހަަކަތައަކީ އަދި ތަރައްގީއަށް ބޭނުންވާ އެންމެ މުހިއްމު ރައުސުލްމާލަކީ ޒުވާނުން ކަމުގައިވާއިރު، ޒުވާނުންގެ ތެރެއިން މިފަދަ ބޮޑު ނިސްބަތެއް މަސައްކަތާއި މަތީ ތައުލީމާއި ތަމްރީނުން މަހުރޫމުވުމަކީ ގައުމެއް ބިނާކުރުމުގައި ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެކަމަށް އަޅައިނުލެވި އެހައި ގިނަ ޒުވާނުން ނިޒާމުގެ ތެރެއިން ބާކީވެގެން ދިއުމަކީ އެހައިމެ ބޮޑު ނިކަމެތިކަމެކެވެ. 

މިދެންނެވި ހާލަތު މިގޮތަށް އޮއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގައި އައު ސިޔާސަތެއް އިއުލާނުކުރެއްވިއެވެ. ސިންގަޕޫރާއި ކޮރެއާއާއި ސްވިޑެން ފަދަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ހިންގަމުންދާ ނޭޝަނަލް ސާވިސް ޕްރޮގުރާމުތަކާ އެއްގޮތަށް ރާއްޖޭގައި ގައުމީ ހިދުމަތުގެ ޕްރޮގުރާމެއް ތައާރަފުކުރެއްވުމަށް ނިންމެވިއެވެ. 

އެ ޕްރޮގުރާމުގެ ތެރެއިން ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދީ މަސައްކަތްތެރިކަމަށް އަހުލުވެރިކޮށް، އަހުލާގީ ގޮތުން ހަރުދަނާ ބަޔަކަށް ހެދުމަށް ބޭނުންވާ ތަމްރީނުތައް ދޭނެ ކަމުގައި އެދުވަހު ރައީސް އިއުލާނުކުރެއްވިއެވެ. 

އެއަށްފަހު މި އަހަރުގެ މޭ މަހުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމު ތަންފީޒުކުރާނެ އިދާރާއަކީ ދިފާއީ ވުޒާރާ ކަމުގައި ހަމަޖައްސަވައި، އެ ޕްރޮގުރާމު ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތް ރައީސް ފައްޓަވަައިދެއްވިއެވެ. ދިފާއީ ވުޒާރާއާއި ގައުމީ ދިފާއީ ބާރުން އެ ޕްރޮގުރާމު އެކުލަވައިލާ އެ ޕްރޮގުރާމަށް އިއުލާނުކުރިއެވެ. 

މި ޕްރޮގުރާމަށް އިއުލާނުކުރުމާއެކު، ޒުވާނުންގެ ކިބައިން ފެނިގެންދިޔައީ އެފަދަ ޕްރޮގުރަމަކަށް ދިވެހި ޒުވާނުން ފެންބޮވައިގަނެފައި ތިބި މިންވަރެވެ. 1،244 ޒުވާނަކު އެ ޕްރޮގުރާމަށް ކުރިމަތިލިއެވެ. އެއިން 350 ޒުވާނަކު އެ ޕްރޮގުރާމުގައި ބައިވެރިވުމަށް ނަގާފައިވެއެވެ. 

އެ ޕްރޮގުރާމުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ 350 ޒުވާނުންނާއެކު ވަތަނީ ހިދުމަތް ރަސްމީކޮށް ފެށިގެންއައީ 2025، އޮކްޓޯބަރު އެއްވަނަ ދުވަހުއެވެ. މި ހިދުމަތާއެކު ސްކޫލުން ރަނގަޅު ނަތީޖާ ނުލިބިގެން އެއްވެސް ކުއްޖަކު ބޭކާރުނުވާނެއެވެ. ވަތަނީ ހިދުމަތާ ގުޅުމަށް އެދުމަށް ބޭނުންވާ ޒުވާނުންނަަށް ހުޅުވިގެންދިޔަ މި ރަނުގެ ފުރުސަތަކީ ދިރިއުޅުމަށް ބޭނުންވާ އެކި ހުނަރުތަކާއި މަސައްކަތުގެ އަހުލާގާއި، ހުއްބުލް ވަތަނާއެކު، މީހާ ރަނގަޅު އާދަތަކުގެ މަތީގައި ހާނުވާނެ ޕްރޮގުރާމެކެވެ. 

ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ނިންމެވީ މުޖުތަމަައުގެ ހަވާސާގައި ދިވެހި ޒުވާނުންގެ 19.5 އިންސައްތަ ޒުވާނުން ތިބުމަކީ ގަބޫލުކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ ޒިންމާއަކީ އެފަދަ ޒުވާނުންގެ އަތުގައި ހިފައިގެން ކުރިއަށްދެވޭނެ މަގެއް ދައްކަައިދިނުންކަމަށެވެ. އެމަގަކީ ވަތަނީ ހިދުމަތުގެ ފަހި ރާސްތާއެވެ. 

ކިޔުންތެރިންގެ ހިޔާލު