ENGLISH
16 ނޮވެމްބަރު 2025
އަންނަ އަހަރުގެ ބަޖެޓަކީ ފަށާފައިވާ ހުރިހާ މަޝްރޫއެއް ނިންމުމަށް ފެންދޭނެ ބަޖެޓެއް: ސައްތާރު
16 ނޮވެމްބަރު 2025
|
ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްސައްތާރު މުހައްމަދު
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ރާއްޖޭގެ އެކި ކަަންކޮޅުތަކުގައި ފެށިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ފެންދީ ތަރައްގީގެ އާރޯކަން ރާއްޖެއަށް ގެނެސްދޭނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެއެވެ.
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން އަބްދުއްސައްތާރު ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ބަޖެޓަކީ ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ސަރުކާރުން ފަށައި ނުނިންމައި ހުރި މަޝްރޫއުތައް ނިންމުމަށް ކާނާދީ ފެންއަޅައިދޭނެ ބަޖެޓު ކަމަށެވެ. އަދި ހއ.ތުރާކުނުން އައްޑޫ ސިޓީއާ ހަމައަށް ފަށާފައިވާ 1،800 އެއްހައި މަޝްރޫއު ނިންމުމަށް ފެންދޭނެ ބަޖެޓަކީ މި ބަޖެޓު ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ސައްތާރު ވިދާޅުވީ މި ބަޖެޓަކީ ރާއްޖޭގައި ހައްލުނުކުރެވި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ފައިސާ ހަމަޖެހިފައިވާ ބަޖެޓެއް ކަމަށެވެ. އެ ބަޖެޓު ފާސްވެ ބަޖެޓު ތަންފީޒުކުރަން ފެށުމާއެކު ގިނަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
"ހިސާބުގެ ނަންބަރުތަކުން ދޮގެއް ނުނެރެވޭނެ. މި ބަޖެޓުގެ ނަންބަރުތަކަށް ބަލާއިރުގައި ދިވެހިރާއްޖޭގެ ތާރީހު ނުދެކޭ މިންވަރަށް ތަރައްގީގެ މަޝްރޫއުތައް ހިންގައި، ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށްޓަކައި، އެއިން ކޮންމެ މައްސަލައަކާ ގުޅޭ ގޮތުން ބަޖެޓުގައި ނަންބަރުތައް ފެންނަން އެބަހުރި،" މެންބަރު ވިދާޅުވިއެވެ.
"އަޅައިނުލާ ދޫކޮށްލާފައި އޮތް ތެލެސީމިއާ ކުދިންނަށް އެލަވެންސް ލިބިގެންދާނީ މި ބަޖެޓުގެ ތެރެއިން. އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް ބޮޑުވި އެލަވެންސް ލިބިގެންދާނީ މި ބަޖެޓުގެ ތެރެއިން. އެހެންވީމާ މި ބަޖެޓުގައި އެބަހުރި ދިވެހިރާއްޖޭގައި އަޅައިނުލައި ދޫކޮށްލެވިފައި ހުރި ކަންކަމަށް އެޑްރެސްކުރެވިފައި،"
އޭގެ ފަހުން މެންބަރު ފާހަގަކުރެއްވީ 2026 ވަނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި އަދާކުރާނެ ގޮތަކާމެދު ސަރުކާރުން ވިސްނާފައިނުވާ ކަމަށް އިދިކޮޅުން ބުނި ނަމަވެސް ބަޖެޓުން ފެންނަނީ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި އަދާކުރެވޭނެ ގޮތްތައް ސަރުކާރުން ހޯދާފައިވާ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ސަރުކާރުން މަޝްރޫއެއް ނުހިންގާކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދެއްވައި ސައްތާރު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށްދާ ކަމަށެވެ. އަދި ރަށްރަށަށް ދަތުރުކުރެއްވުމުން އިދިކޮޅު މެންބަރުންނަށްވެސް އެ ހަގީގަތް ސާފުވާނެ ކަމަށެވެ.
"ހަނަފަސް ހިކި ސަހަރާއެއްގައި ދަނޑުވެރިޔަކު އޮއްތައް ރުވާލީމާ ގަސްތައް ހެދިގެން އަންނަ މަންޒަރު ފެންނަހެން އަޅުގަނޑުމެން ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ހިނގާތަން މި ބަޖެޓާއެކު ފެނިގެންދާނެ،" ކުރިއަށް އޮތް އަހަރު ގިނަ އަދަދެއްގެ ތަރައްގީގެ މަޝްރޫއުތައް ހިނގާނެ ކަމުގެ ޔަގީންކަން ދެއްވަމުން މެންބަރު ސައްތާރު ވިދާޅުވިއެވެ.
އިތުރަށް ސައްތާރު ވިދާޅުވީ މި ބަޖެޓާއެކު އަސާސީ ހިދުމަތްތައް ގާއިމުކުރެވި ޖުމްލަކޮށް ތަރައްގީގެ އައު ހަރުފަތެއް 2026 ވަނަ އަހަރު ރާއްޖެ ކަޑައްތުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.