ENGLISH
16 ނޮވެމްބަރު 2025
ކާމިޔާބު 104؛ ހުރިހާ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފެއްޓިއްޖެ
16 ނޮވެމްބަރު 2025
|
ޅ.ނައިފަރު ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ޑިމޮކްރެޓިކް ތާރީހަށް ބަލާއިރު ސަރުކާރުތަކަށް އެކި ސަބަބުތަކާހުރެ ތަރައްގީގެ މަޝްރޫއުތައް ފަށައިގަނެވެނީ ދައުރު ދެބައިވާ ފަހުންނެވެ. މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މާލީ ޖާގަ ނުހޯދުމާއި، މަޝްރޫއުތައް އިންތިޒާމީ ގޮތެއްގައި ރާވައި ތަރުތީބުކޮށްގެން ކުރިއަށްނުގެންދެވުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ތަރައްގީގެ މަޝްރޫއުތައް ފެށުނަސް ވެރިކަމުގެ ދައުރު ނިމޭއިރު އެ މަޝްރޫއުތައް ނުނިމެއެވެ.
ފާއިތުވި އެމްޑީޕީގެ ވެރިކަމަށް ބަލާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއު އެމްޑީޕީއަށް ފެށޭވަރުވީ ދައުރުގެ ފުރަތަމަ ތިން އަހަރު ނިމުމަކާ ގާތްވެފައިވަނިކޮށެވެ. އެއިރު އެއްބަސްވުންތަކުގައި ސޮއި އަޅައިލެވުނު ނަމަވެސް ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް ފެށުނީ ވެރިކަމަށް އަސްރުވެ އިރުއޮއްސެން ކައިރިވި ފަހުންނެވެ. ނަތީޖާއަކީ ދައުރު ނިމި، ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު ގިނަ މަޝްރޫއުތަކެއް ނުނިމުމެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއްކަމަަކީ ރަށްރަށުގައި ފެށިފައި ހުރި މަޝްރޫއުތައް ނުނިމުމެވެ. ހިންގަން ރާވައި އެކި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ނުފެށޭ ކަމެވެ.
ބައެއް ރަށްރަށުގައި ސްކޫލު އިމާރާތްތައް އަޅަން ކަނޑައެޅި ބިންތައް ހުރީ ފަޅަށެވެ. ފލުސް ސްޓޭޝަންތައް އަޅަން ހަވާލުކުރި ބިންތައް ސާފުކޮށްފައި ހުއްޓައި އަލުން އެ ބިންތަކުގައި ވާ ހެދި ގަސްގަހާގެހިން ފުރިގެންދިޔައިރުވެސް މަސައްކަތް ނުފެށެއެވެ. ހޮސްޕިޓާތަކާއި ސިއްހީ މަރުކަޒުތައް އެޅުމަށްޓަކައި ބެހެއްޓި ނަން ބޯޑުތައް ބާވެ ހަލާކުވަމުންދިޔައިރުވެސް މަސައްކަތް ނުފެށެއެވެ.
މިދެންނެވި ހާލަތު ފެނިވަޑައިގެން ހުރިހާ ރަށަކަށް ބޭނުންވެފައި ހުރި ކަންކަން އޮޅުންފިލުއްވައި އެކަންކަން ހައްލުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގަތެވެ. އެމަނިކުފާނުގެ ދައުރުގެ ފުރަތަމަ ދެ އަހަރު ނިމުމަކާ ގާތަށް ގޮސްފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށްތަކަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.
އެގޮތުން ކުރީ ސަރުކާރުން ފަށައި ކުރިއަށްނުގެންދެވި ހުރި މަޝްރޫއުތަކާއެކު ޖުމްލަ 1،875 މަޝްރޫއު އެބަ ހިނގައެވެ. ރައީސްގެ ވައުދުފުޅުތައް ހަގީގަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 1،356 މަޝްރޫއެއް އަލަށް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
އޭގެ ތެރޭގައި ޕޮލިސް ސްޓޭޝަންތަކާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، ހެލްތު ސެންޓަރުތަކާއި ހޮސްޕިޓާތަކުގެ އިތުރަށް، ރަށްރަށުގެ ކުޅިވަރު ބިނާރުތަކާއި، އައިސްޕްލާންޓުތަކާއި މަސް ޕްރޮސެސްކުރާ ކާރުހާނާތަކާއި، މަގު ހެދުމާއި، އެއާޕޯޓު އެޅުމާއި، ބަނދަރުތައް ތަރައްގީކުރުމާއި، ސްކޫލު އިމާރާތްތައް ބިނާކުރުން ފަދަ މުހިއްމު ގިނަ މަޝްރޫއުތަކެއް ހިމެނެއެވެ.
ގިނަ މަޝްރޫއުތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާއިރު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން 216 މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް އެބަދެއެވެ. އެ މަޝްރޫއުތައް ކުރިއަށްގެންދަނީ އެ ކުންފުނިތަކަށް ފައިސާ ލިބުމުގައި ދަތިކަމެއް ކުރިމަތިނުވާނެ ގޮތަށް ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސްއިން ފައިނޭންސް ހަމަޖައްސައިދީގެންނެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް މަޑުނުޖެހި ކުރިއަށްދާނެ އިންތިޒާމު ހަަމަޖެއްސުމަށް އެ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު އެއްފަހަރާ އަގުހެޔޮކޮށް ހޯދައި، މަޝްރޫއުތައް ފެށުމަށްފަހު މެދުނުކެނޑޭނެ ގޮތަށް އިންތިޒާމުތައް ތަރުތީބުކުރުމުގެ މަސައްކަތް ހަލުއި ދުވެލީގަައި ދަނީ ކުރިއަށެވެ. ބައެއް މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އިންތިޒާމުތައްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހިލަ ބަލްކުކޮށް ގެނައުން ހިމެނެއެވެ.
މިދެންނެވުނު ކަންކަމަކީ ރައްޔިތުން އެކަންކަމަށް އެދި ތިބޭތާ އެތައް އަހަރެއްވީއިރުވެސް ހާސިލުނުކުރެވި ހުރި ކަންކަމެވެ. ދެ އަހަރު ތެރޭ އެކަންކަމުގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ މުސީބަތުން ސަލާމަތްކުރައްވަމުން އުފައްދަވަމުންދާ މާލީ ފުރުސަތުތަކުގެ ތެރެއިންނެވެ.
މިއީ މިހާތަނަށް ދެ އަހަރު ތެރޭ ރަށްރަށުގައި ތަރައްގީގެ މިހައި ގިނަ މަޝްރޫއުތައް ފެށި ފުރަތަމަ ސަރުކާރެވެ. ރައީސް ދެއްވާ ޔަގީންކަމަކީ މި މަޝްރޫއުތައް މެދުނުކެނޑި ކުރިއަށްގެންދަވައި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ހުރިހާ މަޝްރޫއެއް ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަމެވެ.