ENGLISH

14 ނޮވެމްބަރު 2025

Advertisement

ނޭދެވޭ ކަންކަން ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ހިތްތަކުގައި ނެތުމުން: ހުކުރު ޚުޠުބާ

14 ނޮވެމްބަރު 2025

|

މުޙައްމަދު އަދުހަމް

އިސްލާމީ މަރުކަޒުގައި ކުރިއަށްދިޔަ ހުކުރު ނަމާދުގެ ތެރެއިން. --ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި މުޖުތަމަޢުގެ ތެރޭގައި މިއަދު ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙްސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި، ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"ތައުޙީދުގެ މަތީގައި ދަރީން ތަރުބިއްޔަތުކުރުން" މި މަޢުޟޫއަށް ދިން ހުކުރު ޚުޠުބާގައި ބުނީ، ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތަރުބިއްޔަތުކުރައްވާފައި ވަނީ އިސްލާމްކަމާއި، އިޙުސާންކަމުގެ މަތީގައި ކަމަށެވެ.

އެހެންކަމުން އެ ބޭކަލުންގެ އަޚުލާޤާއި މުޢާމަލާތުކުރެއްވުން މާތްވެފައި ހެޔޮކަމަށާއި، އެ ބޭކަލުންގެ މެދުގައި އެއް ބޭކަލަކާއި އަނެއް ބޭކަލަކާ ދެމެދު އޮންނަ ގުޅުން ވެސް ވަރުގަދަވެ، އިތުބާރުކުރުން ހަރުދަނާ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި، އެ ބޭކަލުންގެ ހިތްޕުޅުގައި އިޙުސާންކަން ރަނގަޅަށް ހަރުލާފައިވުމުން އެ ބޭކަލުންގެ މުޖުތަމަޢުގައި ހަމަޖެހުމާއި އެކުވެރިކަން ވެސް ޢާންމުވެފައިވާ ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މިއަދު މި މުޖުތަމަޢުގެ ތެރޭގައި ނޭދެވޭ ގިނަ ކަންކަން ހިނގަނީ އިސްލާމީ ރިވެތި ސިފަތަކުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން ކަމަށެވެ.

"އަބަދާއި އަބަދު މާތް الله ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިޔުއްވަން ތިއްބަވާނޭކަން، ކަށަވަރުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން ޅަފަތުއްސުރެ މިކަންކަން ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި، ހަރުލެއްވިއްޖެ ނަމަ މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެޔޮ ބަދަލު އަންނާނޭކަން ކަށަވަރެވެ!" ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ވަނީ، ދަރިން ތަރުބިއްޔަތުކުރުމުގައި އީމާންކަމާއި އިސްލާމްކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލާފައެވެ. އެގޮތުން، ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި އިންސާނާއަށް، ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން ބޭނުންވާ މުހިންމު ކަންތައްތަކެއް، އެކުލެވިގެންވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

މި ޙަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން، އެ ޙަދީޘް ބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް الله އިރާދަކުރެއްވި ގޮތަކީ، އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި، ދިގު މުއްދަތަކަށް އިންސާނާއަށް ދަސްވެ، ހިތުގައި ހަރުލައި ހުންނާނޭ ގޮޮތަށް ކަމަށާއި، އެހެންކަމުން މި ޙަދީޘްފުޅު ވެސް އައިސްފައި ވަނީ ޙާދިސާއެއްގެ ގޮތަށް ކަމަށް ޚުޠުބާގައި ވަނީ ބަޔާންކޮށްދީފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ޚުޠުބާގައި ބުނެފައިވެއެވެ. "އޭ ޢުމަރުގެފާނެވެ! އެ ދުވަހު އެ ސުވާލުކުރެއްވީ ކޮން ބޭކަލަކުކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ؟" (ޢުމަރުގެފާނު ވިދާޅުވިއެވެ.) ތިމަންނާ ދެންނެވީމެވެ. الله، ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ ރަސޫލާ ދެނެވަޑައިގަތުން ބޮޑުމެއެވެ! ޙަދީޘްކުރެއްވިއެވެ. "އެއީ، ޖިބުރީލުގެފާނެވެ. އެ ކަލޭގެފާނު ވަޑައިގަތީ، ތިޔަބޭކަލުންނަށް ތިޔަބޭކަލުންގެ ދީނުގެ ކަންކަން އޮޅުންފިލުއްވައިދެއްވުމަށް ޓަކައެވެ." 

މި ހާދިސާ މި ގޮތަށް ހިނގައި ދިއުމުން ވިސްނައި ފިކުރުކުރާންޖެހޭ ކަމަށާއި، އެއީ މި ޙާދިސާގައި ކުރެއްވި ސުވާލުތަކާއި ދެއްވި ޖަވާބުތަކާ މެދުގައި ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

"މާތް الله އަށް އަޅުވެތިވުމަށް ޓަކައި އިންސާނާގެ ކިބައިގައި އެނގިދެނިވެފައި ހުންނާންޖެހޭ މުހިންމު ކަންތައްތަކަކަށް، މި ކަންތައްތައް ވާތީ، ގިނަ ދުވަހަށް ހިތުގައި ހަރުލައި ހުންނާނޭ ފަދައިން، މާތް الله މި ކަންތައްތައް އަންގަވައިދެއްވައިފައި ވާތީއެވެ." ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ، މި ފަދަ ޙާދިސާއަށް މި ޒަމާނުގެ ތަޢުލީމީ ދާއިރާގައި ކިޔައިއުޅެނީ "ރޯލް ޕްލޭ" ކަމަށާއި، އެބަހީ ދަސްކުރާން ޖެހޭ ފިލާވަޅު މުދައްރިސް ދެތިން ކުއްޖަކު ލައްވައި އެހެން ކުދީންގެ ކުރިމަތީގައި ތަމްސީލުކޮށްލުން ކަމަށެވެ.

މި ގޮތަށް ފިލާވަޅު ގެންދިއުމުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ ގިނަ ދުވަހަށް ހިތުގައި ހަރުލާފައި ހުންނަ ކަމަށާއި، އެހެންކަމުން ޖިބްރީލް ޢަލައިހިއްސަލާމް އިސްލާމް ދީނުގެ އަސާސްތަކާ މެދު ގެނެސްދެއްވި މި ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތައް ކަމުގައި ޚުޠުބާގައި ބުންޏެވެ. ނަމަވެސް ދެރަކަމަކީ މިއަދު މިކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވާއިރު، އެދެވޭ ގޮތުގައި ފަރުދުންގެ ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވުން ކަމަށް ވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލަމުން ބުނެފައިވަނީ، ހާދިސާއެއްގެ ގޮތުގައި ގެނެސްދެއްވާފައިވާ ޙަދީޘްފުޅުން ލިބިގަނެވޭ ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސް ގާތަށް ދަރިވަރު ދާއިރު އަދަބުވެރިވާންޖެހޭނެ ކަމަށާއި، ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާންޖެހޭނެކަން އެނގިގެންދާ ކަމަށެވެ. އަދި، މުދައްރިސްގެ ކުރިމަތީގައި އިށީނުމުގެ އަދަބުވެރި ގޮތް ފާހަގަކުރެވޭ ކަމަށާއި، ހަމަ އެ ފަދައިން ނޭނގޭ ކަމެއްގެ ސުވާލުކުރެވިއްޖެ ނަމަ ނޭނގޭ ވާހަކަ ބުނުމަކީ ވެސް މުދައްރިސްގެ ޤަދަރު އުނިވާނެކަމެއް ނޫންކަން ވެސް ދެނެގަނެވިގެންދާނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު