ENGLISH

16 ޖޫން 2026

Advertisement

އުމުރުން 40 އަހަރުގައި ކުޑައިރުގެ ހުވަފެން ހަގީގަތަކަށްވެ، ފުޓްބޯޅައިގެ ތާރީޚީ ފެށުމަކަށް

16 ޖޫން 2026

|

ސުވެއިދާ ހުސެއިން

ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ: 40 އަހަރުގައި ހަގީގަތަކަށްވީ ކުޑައިރުންސުރެ ދެކެމުން އައި ހުވަފެނެއް -- ފޮޓޯ: ރޮއިޓަރސް

ކާބޯ ވާޑޭގެ ޓީމު މުޅިންއަލަށް ވޯލްޑް ކަޕްގައި ރޭ ކުޅުނީ ޔޫރަޕްގެ ޗެންޕިއަން ކަމަށްވާ ސްޕެއިނާ ދެކޮޅަށެވެ. އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗު ނިމުނުކަން ރެފްރީގެ އިއުލާން ކުރި ހިސާބުން، ކެމެރާތަކުގެ މިސްރާބު ހުރީ ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާއަށެވެ.

ދުނިޔޭގެ ތަށި ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ސްޕެއިންއާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް، ކާބޯވާޑޭއަށް ތާރީހީ ބޮޑު ކާމިޔާބީގައި، އެންމެ ބޮޑު އުފަލެއް ލިބުނީ އުމުރުން 40 އަހަރުގެ މި ކީޕަރު ވޮޒީނިއާއަށެވެ. އޭނާގެ  ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހެމުންދިޔަ މަންޒަރު ފެނުނެވެ.

މިމެޗުގައި ތަޖުރިބާކާރު ކީޕަރު ވޮޒީނިއާ ދެއްކީ އޭނާގެ މުޅި ހަޔާތުގައިވެސް ފެނުނު އެންމެ އާދަޔާޚިލާފު ކުޅުމެވެ. ނަތީޖާއަކީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލައި، ގައުމުގެ ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ފާހަގަކޮށްލެވޭ ނަތީޖާ ހޯދުމެވެ.

މިކާމިޔާބީއާއިއެކު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ލިބުނު ވޮޒީނިއާ، ހަނދާން އާކުރީ އޭނޭގެ ކުޑައިރުގެ ދުވަސްތަކެވެ.  ނިޔާވެފައިވާ ކާފަޔާއި މާމަގެ ހަނދާންތަކެވެ.

"އަހަރެން ރޮވުނީ އަހަރެން ބޮޑުވީ މާމައާއި ކާފަގެ ގާތުގައި ކަމަށްވާތީ. ހިތާމައަކީ މިއަދު އެމީހުން ދުނިޔޭގައި ނެތުން. އެމީހުން މަރުވީ މީގެ އަހަރުތަކެއް ކުރިން. އެއީ އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް އުންމީދަކީ،އަދި ދެރަވޭ މަންމަ ވިސާގެ ކަންކަން ހަމަޖައްސަން ފައިސާ ހަމަނުޖެހުމުން އަހަރެން ބޭނުން މަންމަ މިތަނުގައި ހުންނަން " މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމަށްފަހު ވޮޒީނިއާ ބުންޏެވެ.

'ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް'

ޖޮސިމާ ޑިއާސްގެ ނަމުން މަޝްހޫރުވި ކާބޯ ވާޑޭގެ މި ކީޕަރު އޭނާގެ މުޅި ކެރިއަރު ހޭދަކުރީ ވޯލްޑް ކަޕެއްގައި ކުޅުމުގެ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ. އެ ފުރުސަތު ލިބުނުއިރު، އެކަން ވެގެންދިޔައީ ތާރީޚީ ކަމަކަށެވެ. އުމުރުން 40 އަހަރާއި 12 ދުވަހުގައި، އޭނާ ވެގެންގޮސްފައިވަނީ ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕް މެޗެއްގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ރެކޯޑު އޮތީ ކުރަސޯގެ އެލޯއީ ރޫމްގެ އަތުގައެވެ.

މިއީ ކެތްތެރިކަމާއެކު ކުރި މަސައްކަތުން ހާސިލުކުރި ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ވޮޒީނިޔާ ދެކެއެ.

ވޮޒިނިއާ ބުނިގޮތުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފެށީ 2012 ވަނަ އަހަރު، އުމުރުން 25 އަހަރުގައި. އަހަރެން ކަހަލަ މީހަކަށް ވަރަށް ލަސް އުމުރެއް ކަމަށެވެ.

"ގައުމީ ޓީމުން ވަކިވާންވެސް އަހަރެން ހިތަށްއެރި. އެކަމަކު މި ހުވަފެނުގައި ކުލަޖެއްސުމަށްޓަކައި އަހަރެން ކުރިއަށްދިޔައީ. މި ކާމިޔާބަކީ އެންމެންގެ ކުޅުމެއް. އަހަރެން މިއީ މެޗުގެ މޮޅު ކުޅުންތެރިޔާ ނަމަވެސް، މި އެވޯޑަކީ އަހަރެންގެ ހުރިހާ އެކުވެރި ކުޅުންތެރިންގެ އެވޯޑެއް. އެމީހުންނާ ނުލައި އެއްވެސް ކަމެއް ނުކުރެވޭނެ. އަހަރެން ޓީމަށާއި ގައުމުގެ ރައްޔިތުންނަށްޓަކައި މަސައްކަތްކުރުން ހުއްޓައެއް ނުލާނަން."

އެފްރިކާގެ ހުޅަނގު އައްސޭރިން ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ކާބޯ ވާޑޭއަކީ ރީތި ނަމަވެސް އެކަހެރި ޖަޒީރާ ގައުމެކެވެ. އެތަނުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުތައް މަދެވެ. މިންޑެލޯގައި ބޮޑުވި ވޮޒީނިއާއަށް ފެށުނީއްސުރެ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

އެހެން ކުޅުންތެރިންނެކޭ އެއްފަދައިން، އޭނާވެސް ފުރުސަތު ހޯދުމަށްޓަކައި ޕޯޗުގަލްއަށް ބަދަލުވިއެވެ. އެ ނިންމުމާއެކު އޭނާގެ ކެރިއަރު ފެށި، ސްލޮވާކިއާ، އެންގޯލާ، މޮލްޑޯވާ އަދި ސައިޕްރަސްގެ ކްލަބުތަކަށް ކުޅުނެވެ. މިހާރު ވޮޒީނިއާ ކުޅެމުންދަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ޗާވޭސް އަށެވެ.

ވޮޒީނިއާގެ ނަމަކީވެސް ފުޓްބޯޅަ ތާރީޚާ ގުޅިފައިވާ ނަމެކެވެ. އޭނާގެ ބައްޕަ ބޭނުންވީ އާޖެންޓީނާގެ ލެޖެންޑް ޖޯޖް ވަލްޑާނޯއަށް ނިސްބަތްކޮށް 'ވަލްޑާނޯ' ކިޔާށެވެ. ނަމަވެސް ކޭޕް ވާޑޭގެ ކަމާބެހޭ ފަރާތްތަކުން އެކަމަށް ހުއްދައެއް ނުދިނެވެ. އެހެންކަމުން އޭނާއަށް 'ޖޮސިމާ' ކިޔުނީ 1986ގެ ވޯލްޑް ކަޕުން ވިދާލި ބްރެޒިލްގެ ޑިފެންޑަރަށް ނިސްބަތްކޮށްފައެވެ.

މެޗުގައި ވޮޒީނިއާ ކުރި ކޮންމެ ސޭވްއަކާއެކު އެޓްލާންޓާގެ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުން، ކާބޯ ވާޑޭއިން ލަނޑެއް ޖެހުމުން އުފާފާޅުކުރާ ފަދައިން އަޑުގަދަކުރަމުން ދިޔައެވެ.

ދަނޑުން ބޭރުގައިވެސް އޭނާ ވެގެންދިޔައީ ސޯޝަލް މީޑިއާގެ ތަރިއަކަށެވެ. އިންސްޓަގްރާމްގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 50،000 އިން 5 މިލިއަނަށް ވުރެ މައްޗަށް އެރިއެވެ.

މިއީ އެންމެ ފަސްލައްކަ މީހުންގެ އާބާދީއެއް އޮތް، އަދި ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނައަށް އެންމެ ކުޑަ ގައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ކާބޯ ވާޑޭގެ މި ކާމިޔާބީގެ ވާހަކައަކީ މިއަދު ދުނިޔޭގެ ހުރިހާ ހިސާބެއްގައި މަޝްހޫރު ވާހަކައަކަށް ވެއްޖެއެވެ. މި ވާހަކައިގެ ބަތޮލަކީ ކުޑައިރު ދެކެމުންއައި ހުވަފެން އުމުރުން 40 އަހަރުގައި، ހަގީގަތަކަށްވި، ވޮޒީނިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު