ENGLISH
13 ނޮވެމްބަރު 2025
މިއަހަރުގެ "ހެލްތު އެކްސްޕޯ" ރައީސްގެ އަނބިކަނބަލުން ހުޅުއްވައިދެއްވައިފި
13 ނޮވެމްބަރު 2025
|
"ހެލްތު އެކްސްޕޯ" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުޅުއްވައިދެއްވުން، ފޮޓޯ: ޕީއެސްއެމް
މިއަހަރުގެ ހެލްތު އެކްސްޕޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން އިންތިޒާމުކުރާ "ހެލްތު އެކްސްޕޯ 2025" މިއަދު ހަވީރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އެކްސްޕޯގެ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ބައިވެރިވަޑައިގަތެވެ.
އެކްސްޕޯ ކުރިއަށްދާނީ ނޮވެމްބަރު 13، 15 އަދި 16 ވަނަ ދުވަހެވެ. މިއަހަރުގެ އެކްސްޕޯ ވެސް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިއަހަރުގެ އެކްސްޕޯގެ ޝިއާރަކީ "ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި" އެވެ.
އެކްސްޕޯގައި 50 އަށް ވުރެ ގިނަ ސްޓޯލް ވަނީ ބަހައްޓާފައެވެ. އެގޮތުން މާލެ ސަރަޙައްދުގެ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް އެކްސްޕޯގައި ބައިވެރިވެއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ އެކްސްޕޯގައި ޞިއްޙީ ދާއިރާގެ މަޢުލޫމާތާއި، ޞިއްޙީ ދާއިރާއިން ލިބެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ލިބޭނެ ކަމަށެވެ.
މިފަހަރުގެ އެކްސްޕޯގައި ބިދޭސީންނަށް ޚާއްޞަކޮށްގެން ޞިއްޙަތާ ގުޅޭ މުހިއްމު މަޢުލޫމާތު ޙިއްޞާކުރުމާއި، ހެލްތު ސްކްރީނިން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.