ENGLISH

13 ނޮވެމްބަރު 2025

Advertisement

ޕީއެންސީ ޖަލްސާއަށް އެތައް ސަތޭކަ ބަޔަކު މާލެއަށް، މާލޭން ހޫނު މަރުޙަބާއެއް

13 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

މާދަމާ ރޭގެ ޖަލްސާއަށް އަތޮޅުތަކުން އައި ބަޔަކު ބަހުން ފައިބާއިރު ކޮންގްރެސް ޕާޓީގެ މެންބަރުން މަރުހަބާ ކިޔަނީ -- ފޮޓޯ: ވޮއިސް

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މާދަމާ ރޭ ބާއްވާ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ސަތޭކަ ބަޔަކު މާލެ އަތުވެއްޖެ އެވެ.

މިއަދާއި މިރޭ އަދި މާދަމާ އެކި ވަގުތުތަކުގައިވެސް ގިނަ ބަޔަކު މާލެ އަންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގައި އޮންނަ ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ. މި ޖަލްސާގެ ފޯރިގަދަވެ "މަވެސް ދާނަން" ނަމުގައި ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ ބޮޑު ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.

މާލޭން ހޫނު މަރުހަބާއެއް, ފުރިހަމަ އިންތިޒާމުތަކެއް

މާދަމާ ރޭ އޮންނަ ޖަލްސާއަށް ލޯންޗުތަކާއި ދޯނިތަކާއި ބޯޓްތަކުގައި މީހުން ދަނީ އަންނަމުންނެވެ. އަދި ވައިގެ މަގުން ވެސް ވަރަށް ގިނަ ބަޔަކު މިހާރުވެސް ވަނީ މާލެ އައިސްފަ އެވެ.

ޕީއެންސީން ވަނީ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ކޮށްފަ އެވެ. އެގޮތުން "މަރުހަބާ ޓީމް" ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވެ އެވެ. އެ ޓީމުން ގެންދަނީ ޖަލްސާއަށް އަންނަ މީހުންނަށް މަރުހަބާ ކިޔަމުންނެވެ. އަދި ޕާޓީގެ އިންތިޒާމްތަކުގެ މައުލޫމާތު ހިއްސާ ކުރެ އެވެ.

މިއީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ސިޔާސީ މިފަދަ ޖަލްސާތަކަށް ގިނަ މީހުން އަންނަނީ ސިޔާސީ ފޯރީގައި ނަމަވެސް ޕާޓީތަކުން ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައި ނުހުންނާތީ އާންމުންގެ ކަންބޮޑުވުން އޮވެ އެވެ.

ތާރީޚީ ޖަލްސާއަކަށް ވާނެ, ސަރުކާރަށް އޮތް ތާއީދު ފެންނާނެ

މާދަމާ ރޭގެ ޖަލްސާއަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން ޚާއްސަ ޖަލްސާއަކަށް ވާނެ ކަމަށް ބެލެވެ އެވެ. އެއްގޮތަކުން މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ޖަލްސާއަށް ވާނެ ކަމަށް ބެލެވެ އެވެ.

ކޮންގްރެސް ޕާޓީގެ ލީޑާޝިޕުން ވެސް ވަނީ އެކަން ހާމަކޮށްފަ އެވެ. އެ ޖަލްސާއަކީ މިހާތަނަށް ނުބޭއްވޭފަދަ ކުލަގަދަ އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ބާއްވާ ޖަލްސާއަކަށް ހެދުމަށް ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ.

ކޮންގްރެސް ޕާޓީން ބުނި ގޮތުގައި މާދަމާރޭގެ ޖަލްސާއިން ފެންނާނެ އެންމެ މުހިންމު އެއް ކަމަކީ ރައްޔިތުންގެ ވިންދާއި އިހްސާސްތައް ހުރި ގޮތެވެ. ރައްޔިތުން ތިބި ގޮތެވެ. އަދި ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދެކެވެ.

ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެ

"ދިވެހީން ރާއްޖެ" ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އެވެ.

މާދާމާ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ އެވެ. އަދި ޖަލްސާއާ ގުޅޭ މައުލޫމާތުތައް މިރެއާއި މާދަމާގެ އެކި ވަގުތުތަކުގައި ގެނެސްދެމުން ގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު