ENGLISH
13 ނޮވެމްބަރު 2025
އޮޕަރޭޝަން އަލިމަގު: 86 ތަނެއް ބަލައި ފާސްކޮށް، 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
13 ނޮވެމްބަރު 2025
|
ފުލުހުން މިއަދު ފެށި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތި. ފޮޓޯ: ޕޮލިސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގު ވިއްކާ މީހުންނާ ދެކޮޅަށް ހިންގަން ފެށި އަލިމަގު އޮޕަރޭޝަނުގައި މިހާތަނަށް 86 ތަނައި ބަލައި ފާސްކޮށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
އޮޕަރޭޝަން އަލިމަގުގެ ނަމުގައި މިއަދު ފުލުހުން ފެށި އޮޕަރޭޝަނުގެ އެންމެ ފަހުގެ މައުލޫމާތު
ފުލުހުންގެ ހިދުމަތުން ފެށި ޑްރަގާ ދެކޮޅު "އޮޕަރޭޝަން އަލިމަގު" ގައި އެއްފަހަރާ 500 އަށްވުރެ ގިނަ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ ތަންތަން ފުލުހުން ބަލައިފާސްކުރާނެއެވެ.
މުޅި ރާއްޖޭގައި އޮޕަރޭޝަން ފެށުމަށްފަހު ފުލުހުން އަންނަނީ އެ މަސައްކަތުގެ އަދާހަމަ ހާމަކުރަމުންނެވެ. ފުލުހުން ބުނެފައިވާގޮތުގައި، އޮޕަރޭޝަނުގައި ބަލައި ފާސްކުރި ބައެއް ތަންތަނުން މަސްތުވާތަކެއްޗާއި ވިޔަފާރިކުރުމުގައި ބޭނުންކުރާ ތަކެތީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ފެނިފައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ އެ ވަބާ މުޅީން ނައްތާލުމަށް ފަހު ކަމަށާ އެކަމަށް ކުޑަވެސް ފުރުސަތެއް މި ޤައުމުން ދެން ނޯންނާނެ ކަމަށެވެ.
"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން" އިޙްސާން ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ފެށި އޮޕަރޭޝަނަކީ ނަތީޖާ ނެރޭނެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަކީ އަމާޒެއް ނެތި ފެށި އޮޕަރޭޝަނެއް ނޫނެވެ.
"މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން" އިޙްސާން ވިދާޅުވި އެވެ.
އޮޕަރޭޝަނާ ގުޅޭ ފަހުގެ މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނު ވިދާޅުވީ މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ ޑްރަގު ނެޓުވޯކުތަކެއް ނައްތައިލުން ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ފުލުހުންގެ ހިދުމަތުން މިހާތަނަށް ހިންގާ މިބާވަތުގެ އެންމެ ބޮޑު އޮޕަރޭޝަންކަމަށްވެސް ސީޕީ ވިދާޅުވިއެވެ.