ENGLISH
17 ނޮވެމްބަރު 2025
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
13 ނޮވެމްބަރު 2025
|
ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މިހާރު
ނ.މާފަރުގެ އިންޓަނޭޝަނަަލް އެއާޕޯޓުގެ އައު ޓާމިނަލު ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަަށް ތަރައްގީކޮށް ނިންމައި ހުޅުވީ މިދިޔަ ޖުލައި މަހުއެވެ. އެ އެއާޕޯޓުގައި 2،850 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށްފައިވާއިރު އެ ރަންވޭއަށް ވައިޑް-ބޮޑީ މަތިންދާބޯޓަށް ޖެއްސޭނެއެވެ. އަދި އެ މަޝްރޫއުގެ ތެރެއިން އެއާޕޯޓުގައި މަތިންދާބޯޓު ޕާކުކުރާ ސަރަހައްދު ފުޅާކޮށް، ޖެޓުތަކަށް ހިދުމަތް ދޭ ޖާގަވެސް އިތުރުކޮށްފައިވެއެވެ.
އެ މަޝްރޫއު ނިންމުމަށްފަހު އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ އެއާޕޯޓުގައި އަލަށް ތަރައްގީކުރެވުނު ވަސީލަތްތަކާ އެކަށޭނެ މުނާސަބު ޓާމިނަލެއް ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަަހަށްކުރެވޭނެ ކަމުގައި ވިދާޅުވެފައެވެ.
ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް މާފަރު އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއް، ސީއައިޕ، ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއް އަދި އޮފީސް ޖާގަވެސް ހިމެނޭ ގޮތަށް އެޅުމަށް ނިންމާފައިވެއެވެ.
މި މަސައްކަތް ހަވާލުކުރީ ޗައިނާ ކުންފުންޏެއް ކަމުގައިވާ ހުނާން 6 އިންޖިނިއަރިންއާއެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވަނީ ދިހަ މަސްދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
މާފަރު އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކުރީ އެކުވެރި އަރަބި އިމާރާތުގެ އެހީގައި، ދެ ފިޔަވައްސަކަަށް ބަަހާލައިގެންނެނެވ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް 2018 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޮފްޝޯ އިންޖިނިއަރިން ސާވިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 49 މިލިއަން ޑޮލަރަށެވެ. އެ މަސައްކަތް ނިންމުމަށްފަހު 27 މިލިއަން ޑޮލަރަށް ދެވަނަ ފިޔަވަހީގެ މަސައްކަަތް 2022 ވަނަ އަހަރު ހަވާލުކުރީ އެމްޓީސީސީއާއެވެ.
މާފަރު އެއާޕޯށް މިދިޔަ މެއި މަހު އެމިރޭޓްސް އެއާލައިންގެ ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް ޖައްސައި ވައިޑްބޮޑީ މަތިންދާބޯޓު އެއާޕޯޓަށް ޖެއްސޭކަން ކަަށަވަރުކޮށްފައިވާއިރު، މި އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުތައް ކޮންމެ އަހަރަކުވެސް އަންނަ އެއާޕޯޓެކެވެ.