ENGLISH
13 ނޮވެމްބަރު 2025
ޑްރަގްގެ ވަބާ މުޅީން ނައްތާލާނަން، ކުޑަވެސް ފުރުސަތެއް ނުދޭނަން: ވަޒީރު އިޙްސާން
13 ނޮވެމްބަރު 2025
|
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން
މަސްތުވާތަކެއްޗާއި ދެކޮޅަށް ދައުލަތުން ކުރަމުން އަންނަ މަސައްކަތް ހުއްޓާލާނީ އެ ވަބާ މުޅީން ނައްތާލުމަށް ފަހު ކަމަށާ އެކަމަށް ކުޑަވެސް ފުރުސަތެއް މި ޤައުމުން ދެން ނޯންނާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގު ވިއްކާ މީހުންނާ ދެކޮޅަށް ހިންގަން ފެށި އަލިމަގު އޮޕަރޭޝަނާއި ގުޅޭގޮތުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއީ ކުއްލި ގޮތަކަށް މިއަދު ފެށި އޮޕަރޭޝަނެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސްތުވާތަކެތީގެ ވަބާއިން ސަަލާމަތްވެފައިވާ ރާއްޖެއެއް ދިވެހީންނަށް ހޯއްދަވައި ދެއްވަން ކަމަށާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މިހާރު ކުރިއަށްދާ އަލިމަގު އޮޕަރޭޝަނަކީ މީގެ ހައެއްކަ މަސް ކުރީން ފެށިގެން މުޅި ރާއްޖެއިން އެއްކުރި އިންޓެލިޖެންސް މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފެށި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަން މުޅި ރާއްޖޭގައި ކުރިއަށްދާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ އެންެމެން ހުއްޓުވާނެ ކަމަށެވެ.
މަސްތުވާތަކެތި އަތުލައިގަނެ ޤާނޫނާއި ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ވޭޕާއި ސިނގިރޭޓްފަދަ ހުރިހާ ތަކެއްޗެއް އަތުލާނެ ކަމަށާ އެކަންކަން ސިއްރުން ހިންގަން އެއްވެސް ބަޔަކަށް ފުރުސަތު ނުދޭނެ ކަމަށެވެ.
ވަޒީރު އިޙްސާން ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އިންޒާރާއި ނަސޭހަތް ވެސް ދެއްވާފަ އެވެ. އެދިވަޑައިގަތީ ވަގުތުން އެ ނުބައި އަމަލު ހުއްޓާލުމަށެވެ. އެކަމަށް ދެން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
އަދި މި ނުބައި އަމަލުގައި އުޅޭ ހުރިހާ އެންމެން އެކަމާއި ދުރުވުމަށް އިލްތިމާސް ކުރެއްވި އެވެ.
"ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން," އިޙްސާން ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއަދު ފެށި އޮޕަރޭޝަނަކީ ނަތީޖާ ނެރޭނެ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނަކީ އަމާޒެއް ނެތި ފެށި އޮޕަރޭޝަނެއް ނޫނެވެ.
"މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން," އިޙްސާން ވިދާޅުވި އެވެ.
މިއަދު ރައީސް އަންގަވައިގެން ފުލުހުންގެ ހިދުމަތުން ފެށި ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނުގައި އެއްފަހަރާ 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ. ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ ތަންތަން ފުލުހުން ބަލައިފާސްކުރާނެ އެވެ.