ENGLISH
13 ނޮވެމްބަރު 2025
އޮޕަރޭޝަން އަލިމަގު؛ ތާރީހީ އޮޕަރޭޝަނުގައި 90 މީހަކު މިހާރުވެސް ހައްޔަރުކޮށްފި
13 ނޮވެމްބަރު 2025
|
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޑްރަގު ވިއްކާ މީހުންނާ ދެކޮޅަށް ހިންގަން ފެށި އަލިމަގު އޮޕަރޭޝަނުގައި މިހާތަނަށް 90 މީހަކު ހައްޔަރުކޮށްފިއެވެ.
މިއަދު ރައީސް އަންގަވައިގެން ފުލުހުންގެ ހިދުމަތުން ފެށި ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނުގައި އެއްފަހަރާ 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުންގެ ހިދުމަތުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 100 އަށްވުރެ ގިނަ ތަންތަން ފުލުހުން ބަލައިފާސްކުރނެއެވެ.
މި އޮޕަރޭޝަނާ ގުޅޭ ފަހުގެ މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީނު ވިދާޅުވީ މި އޮޕަރޭޝަނުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ ޑްރަގު ނެޓުވޯކުތަކެއް ނައްތައިލުން ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ ފުލުހުންގެ ހިދުމަތުން މިހާތަނަށް ހިންގާ މިބާވަތުގެ އެންމެ ބޮޑު އޮޕަރޭޝަންކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
ނަވީނު ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 90 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެ މީހުންގެ އަތުން ޑްރަގާއި، ޑްރަގު ވިއްކުމަށް ބޭނުންކުރާ ތަކެއްޗާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލަތްތައްވެސް ހޯދިފައިވާ ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ މިއަދު ފަތިހު 5:30 ގައެވެ. އެ އޮޕަރޭޝަނު ހިންގަމުންދަނީ ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތުތަކުގެ އަލީގައިކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނަކީ މިފަހުގެ ތާރީހުގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތައް ނައްތައިލުމަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު އޮޕަރޭޝަނަށްވާނެ ކަމުގައިވެސް ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވެއެވެ.