ENGLISH

13 ނޮވެމްބަރު 2025

Advertisement

ބީއެމްއެލްއިން 3،000 ހައުސިން ޔުނިޓުގެ މަޝްރޫއު ވަރަށް އަވަހަށް ނިމޭނެ: ޝަރީފު

13 ނޮވެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު، ފޮޓޯ: ބީއެމްއެލް

މަރުކަޒީ ބެންކުން އިއުލާނުކޮށްފައިވާ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ދަށުން ކުލީގެ ގޮތުގައި އަގު ހަލާސްކުރުމުން މިލްކުވާ ގޮތަށް ދޫކުރުމަށް ބީއެމްއެލްއިން ތަރައްގީކުރާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް ވަރަށް ހަލުއިކޮށް ކުރިއަށްގެންދަވަައި ނިންމަވައިލައްވާނެ ކަމުގެ ޔަގީންކަން އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ދެއްވައިފިއެވެ. 

މި މަޝްރޫއު ހިންގުމަށްޓަކައި ބީއެމްއެލްއިން އުފެއްދި ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުންޏަށް މަޝްރޫއު ހިންގަން ބޭނުންވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ ހެޔޮ އަގުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން އެމްއެމްއޭއިން އެކުލަަވައިލާފައިވާ ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ބޭންކަކުންވެސް އެ ބޭންކެއްގެ ލޯނު ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދު މި ސްކީމުގެ ދަށުން ގެދޮރުވެރިކަމަށް ފައިސާ ދޫކުރަން ހާސްކުރަންޖެހޭ ކަމަށެވެ. 

އިތުރަށް ޝަރީފު ވިދާޅުވީ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދި ރާއްޖޭގެ ބޭންކުތަކުން ދޫކޮށްފައިވާ ލޯނުތަކުގެ 52 އިންސައްތަ ދޫކުރި ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލްއިން ވަރަށް ބޮޑު ޒިންމާއެއް އަދާކޮށް، އެކަމުގައި އިސްނަގައިގެން މަސައްކަަތްތަކެއް ކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ބީއެމްއެލް އެފޯޑަބަލް ހައުސިން ލީސިން ކުންފުނީގެ ނަމުގައި މި ސްކީމުގެ ދަށުން ގެދޮރު ދޫކުރުމަށް ހާއްސަ ސަބްސިޑަރީ ކުންފުންޏެއް ބީއެމްއެލްއިން އުފެއްދީ އެމްއެމްއޭގެ ހުއްދައާއެކު ކަމަށް ޝަރީފު ވިދާޅުވިއެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި އަލަށް އުފެއްދި ކުންފުނިން ކުރާނެ މަސައްކަތަކީ ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށްފަހު ކުއްޔަށް ދީގެން ކުލީގެ މުއްދަތު ނިމުމުން ހައުސިން ޔުނިޓުތަކުގެ މިލްކުވެރިކަން ކުއްޔަށް ނަގާ ފަރާތަށް ލިބޭނެ ކަހަލަ މޮޑެލްއަކަށް ހައުސިން ދޫކުރުން ކަމަށެވެ. 

"މިހެން ހަދަންޖެހޭ ސަބަބަކީ ވަރަަށް ބޮޑަށް ކޯސްޓް ކުޑަވާނެ އަދި ބޭންކަށް އޮންނަ ރިސްކް ކުޑަވާނެ ކަމުގައި ގަބޫލުކުރެވޭތީ. އެއީ މީގެ ލޭންޑް ކޯސްޓު، ފައިނޭންސް ކޯސްޓު، އަދި ޑިވެލޮޕްމެންޓު ކޯސްޓު ކުޑަކުރެވުމުގެ ސަބަބުން، މީގެ ތަފުސީލުތައް ފަހުން ހާމަަކުރެވިގެންދާނެ، ވަރަށް ބޮޑު ތަން އަގުހެޔޮވެގެންދާނެ. އަގުހެޔޮވެގެންދިއުމުން އެފޯޑަބަލް ލީސިންއަށް ވެގެންދަނީ،" ޝަރީފު ވިދާޅުވިއެވެ. 

ބީއެމްއެލްގެ ސީއީީއޯ އިތުރަށް ފާހަގަކުރެއްވީ މި މޮޑެލްގެ ތެރެއިން ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރާއިރު އެއްވެސް އިކުއިޓީއެއް ނުވަތަ އިނިޝަލް އިންވެސްޓުމެންޓެއް ކުއްޔަށް ހިފާ ފަރާތުން ދޭންނުޖެހޭނެ ކަމެވެ. 

ޝަރީފު ވިދާޅުވި ގޮތުގައި މި މޮޑެލްއަށް ހައުސިން ޔުނިޓުތައް ތަރައްގީކުރުމުގެ މަސައްކަތް ބީއެމްއެލްއިން ކުރަނީ ބޭންކުގެ އުސޫލުތަކާއި ބޭންކިން ގަވާއިދާއި ބޭންކުގެ ރިސްކިން މިންގަނޑުތަކަށް ފުރިހަމައަށް ފައްތައިގެން ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބޭންކުގައި ހުރިހާ ސެކްޓަރުތަކަށް ވަކި މިންވަރުތަކެއް ކަނޑައެޅިފައިވާ ކަމަށާއި، މި މަސައްކަތްކުރަނީ އެކަމަށް ރިއާޔަތްކުރެވިގެން، ބޭންކުގެ ބޯޑުން ކަނޑައަޅާފައިވާ އުސޫލުތަކަށް ފެތޭ ގޮތަށް ކަމަށެވެ. 

ބޭންކަކީ ވަރަަށް އަވަހަށް ހިދުމަތްދޭ ބޭންކެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ މި މަޝްރޫއަކީ އެހެނިހެން މަސައްކަަތްތަކެކޭ އެއްގޮތަށް ވަރަށް ހަލުއި ދުވެލީގައި ކުރިއަށްގެންގޮސް ނިންމައިލާނެ މަސައްކަަތެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު