ENGLISH

06 ނޮވެމްބަރު 2025

Advertisement

ކޭޖީއެމް ޕްރިމިއާކޮށްފި؛ ހީލާ އުފާވެރި ވަގުތުކޮޅަކަށް ކޮންމެހެން ބަލާލަން ޖެހޭ ފިލްމެއް

06 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ކޭޖީއެމްގެ ޕްރިމިއާ ނައިޓް

ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ "ކޮސްގިނަ މިސްޓޭކް" ރޭ އޮލިމްޕަހުގައި ވަނީ ޕްރިމިއާ ކޮށްފަ އެވެ. މިއީ ގިނަ ބަަޔަކު ވަަރަށް އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. އޮލިމްޕަހަށް ބާރުބޮޑު މި އަހަރު ސިނަމާ ހެއްވާލާނެ ހަމަ އެކަނި ފިލްމަކަށް ވާނީ "ކޮސްގިނަ މިސްޓޭކް" ކަމަށް ކުރީންވެސް އޮތީ ބެލެެވިފަ އެވެ.

ހެއްވާ މަޖާ، އެހާމެ ރީތި ފިލްމުތައް ބެލުންތެރީންނާއި ހަމައަށް ގެނެސްދީފައިވާ ކާމިޔާބު ޕްރޮޑިއުސަރު އިސްމާއީލް ޝަފީޤުގެ އައު ފިލްމު "ކޮސްގިނަ މިސްޓޭކް" ރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރީ ވަރަށް ކުލަގަދަ ހަފްލާއެއްގަ އެވެ. ރެޑް ކާޕެޓް ހަރަކާތާއެކު މި ފިލްމު ޕްރިމިއާ ކޮށްފައި ވަނީ ހައުސްފުލް ޝޯ އެއްގަ އެވެ.

ކޭޖީއެމްގެ ޕްރިމިއާ ނައިޓްގައި ޑައިރެކްޓަރު ސީޒަން ވާހަކަ ދައްކަނީ -- 

ރޭ ފިލްމު ބެލި ވަރަށް ގިނަ މީހުން ބުނީ ފިލްމު ބަލާލަން ހޭދަކުރި ދެތީން ގަޑިއިރަކީ އުފާވެރި ވަގުތުކޮޅަކަށްވީ ކަމަށެވެ. އާއިލާއާ ރަހްމަތްތެރީންނާއެކު ހީލާ މަޖާކޮށްލެވުނު ކަމަށެވެ. ޖުމްލަކޮށް ފިލްމު ވަަރަށް ކަމުދިޔަ ކަމަށެވެ.

ފިލްމުގައި ވަނީ ކިހިނެތް

ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ފެނިގެންދާ މި ފިލްމަކީ ޝައުގުވެރި ސްކްރީންޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ޔޫސުފް ޝަފީއު ލިޔެފައިވާ މި ސްކްރީންޕްލޭ ވަރަށް ރީއްޗެވެ. ޝައުގުވެރި ކުރުވާނެ ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. ހެއްވާ މަޖާ ފިލްމެއް ނަމަވެސް ދެން ވާނެ ގޮތަކާމެދު ޝައުގު އުފައްދާނެ އެތައް ކަމެއް ހިމަނާފައިވެ އެވެ.

ކޭޖީއެމްގެ ޕްރިމިއާ ނައިޓް --

ފިލްމުގައި ދައްކައިދެނީ "ވަގުންގެ ގޭންގެ" ކެވެ. މާވަހަރެއް ހޮވައިގެން މުއްސަދިވި މީހަކަށް ލިބިފައިވާ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގަން މަސައްކަތް ކުރާ ނެޓްވޯކެވެ. އެ މަސައްކަތް އެ ނެޓްވޯކުން ހަވާލުކުރަނީ ދެ މީހަކަށެވެ. އެއީ ސީޒަންއާ ޔޫއްޕެ އެވެ. އެ ދެ މީހުންނަށް ކުރިމަތިވާ ތަފާތު ކަންކަން ދައްކައިދެ އެވެ.

ބައެއް މަންޒަރުތަކާއި ޑައިލޮގްތަކުން ހީނހީ ބަލިވާ ވަރުވެ އެވެ. ދޭތެރެ ދޭތެރެއިން މުޅި އޮލިމްޕަސް އެެކީ ހެއްވާލަ އެވެ.

ފިލްމު ނިމިގެން ދަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. މަޖާ އެހާމެ ޝައުގުވެރި ކަންކަން ހިމެނިގެންނެވެ.

ކޭޖީއެމްގެ ޕްރިމިއާ ނައިޓްގައި ފިލްމުގެ ޕްރޮޑިއުސަރު ޝަފީޤް --

ހީލަން އަދި އުފާވެރި ވަގުތުކޮޅަކަށް ފައްކާ ފިލްމެއްް

އެއްގޮަތަށް ވުރެ ގިނަ ގޮތްގޮތުން މިއީ ބަލާލަން ރަނގަޅު ފިލްމެކެވެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް ހިމެނޭތީއާ ޝައުގުވެރި ކަންތައްތަކެއް ދައްކައިދޭތީ އެވެ. އަދި މިއީ އާއިލާއާ އެކުވެރީންނާއެކު ގޮސް ބަލާލެވޭނެ ފިލްމަކަށް ވެސް ވާތީ އެވެ.

ފިލްމްގައި ބޭނުންކޮށްފައިވާ ޑައިލޮގްތަކާއި މުޅި ވާހަކަ ވެސް އާއިލާތަކާއެކު ތިބެ އަޑުއަހާލަން ރަނގަޅެވެ. 

އެންމެން އެކުގައި ތިބެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތުތައް މަދުއިރު މިއީ އެކަމަށް އެންމެ ސަޅި ފުރުސަތެވެ. ޔަޤީނުން ވެސް ރިގްރެޓް ނުކުރާނެ އެވެ. ފިލްމު ބަލަމުން ގެންދާއިރު ހީލާނެ ކިތަންމެ ފުރުސަތެއް ލިބޭނެ އެވެ. ޖުމްލަކޮށް ބުނާނަމަ އުފާވެރި ވަގުތުކޮޅެއް ލިބޭނެ އެވެ.

ކޭޖީއެމްގެ ޕްރިމިއާ ނައިޓްގެ ރެޑްކާޕެޓްގައި ފިލްމުގެ ޑައިރެކްޓަރު ސީޒަންގެ ދެމަފިރީން --

އެކްޓިން ރަނގަޅު, ހިތްގައިމު މަންޒަރުތަކެއް

މިއީ މި ފަހުން އެންމެ ގިނަ ކާސްޓުން ހިމެނޭ ގޮތަށް އުފައްދާފައިވާ ފިލްމެވެ. ވަރަށް ގިނަ އެކްޓަރުންނާއި އެކްޓްރެސް އިން ފެންނަ މި ފިލްމުގައި ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެ އެވެ.

އެންމެންގެ އެކްޓިން ވެސް ވަރަށް ރަނގަޅެވެ. މޮޅެވެ. މިވެނި އެކްޓަރެއް ނުވަތަ އެކްޓްރެސްއެއް ވަރަށް މޮޅޭ ނުވަތަ ދެރައޭ ބުނެވޭކަށް ނެތެވެ. އެންމެންގެ އެކްޓިން ވެސް ތަފާތުވެފައި މޮޅެވެ.

ދެން އެންމެ ފާާހަގަ ކުރެވެނީ ފިލްމުގެ މަންޒަރުތަކުގެ ހިތްގައިމު ކަމެވެ. ޚާއްސަކޮށް ރޭގަނޑު މަންޒަރުތަކެވެ. މަންޒަރުތަކުގެ ފުރިހަމަ ކަމުން ފިލްމަށް އިތުރު ރީތި ކަމެއް ގެނެސްދެ އެވެ.

މި ފިލްމްގެ ޑައިރެކްޓަރަކީ އަލީ ސީޒަން އެވެ. ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.

މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.

އިސްމާއިލް ޝަފީގު ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދު އެވެ.

އެހެންވީމަ މިއީ ހީލާ އުފާވެރި ވަގުތުކޮޅަކަށް ކޮންމެހެން ބަލާލަން ޖެހޭ ފިލްމެކެވެ. ޝޯތަކުގެ ޓިކެޓްތައް އޮލިމްޕަހުން ދަނީ ވިކެމުންނެވެ. އަވަހަށް ޓިކެޓެއްް ނަގާށެވެ.

ކިޔުންތެރިންގެ ހިޔާލު