ENGLISH
05 ނޮވެމްބަރު 2025
އެންމެންގެ ތަޢުރީފު ޔޫއްޕެއަށް؛ "އިލްޒާމް" އޮލިމްޕަހުން ނަގަނީ އަހަަރުގެ އެންމެ ރީތި ފިލްމުގެ ގޮތުގައި
04 ނޮވެމްބަރު 2025
|
ޔޫސުފް ޝަފީއު --
ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ "އިލްޒާމް" މިރޭ އޮލިމްޕަހުން ނަގާނެ އެވެ. ފަންސަވީސް ޝޯ ދެއްކުމަށް ފަހު އެ ފިލްމު އޮލިންޕަހުން ނަގަނީ ފިލްމު ދައްކަން އިތުރު މުއްދަތެއް ނުލިބޭތީ އެވެ. ހައުސްފުލް ގިނަ ޝޯތަކެއް ދެއްކުމަށް ފަހު "އިލްޒާމް" އޮލިމްޕަހުން ނަގާއިރު ބެލުންތެރީންގެ ނަޒަރުގައި މިއީ އަހަރުގެ އެންމެ މޮޅު ފިލްމެވެ. އެންމެ ރީތި ފިލްމެވެ.
ބައެއް އެހެން މީހުން ދެކޭ ގޮތުގައި މިއީ މި ފަހުން އޮލިމްޕަހުގައި ދެއްކި އެންމެ ރީތި ފިލްމެވެ. ފިލްމަށް ބެލުންތެރީންގެ ތަޢުރީފު ދަނީ އޮހެމުންނެވެ. ޚާއްސަކޮށް ފިލްމުގެ ޑައިރެކްޓަރު / ޕްރޮޑިއުސަރު ޔޫއްޕެއަށެވެ. އެންމެންގެ ތަޢުރީފް އޮތީ ޔޫއްޕެއަށެވެ.
ޔޫއްޕެ އޭނާގެ ބައެއް ފޭނުންނާއެކު ފޮޓޯއަކަށް ހުއްޓިގެން --
ޔޫސުފް ޝަފީޢުއަކީ ހަމައެކަނި މޮޅު އެކްޓަރެއް، ޑައިރެކްޓަރެއް ނޫނެވެ. އެއީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. މިހާތަނަށް ޔޫއްޕެ ލިޔެފައިވާ ސްކްރީންޕްލޭތަކަށް އެވޯޑް ލިބިފައިވެ އެވެ. "ދެވަންސޫރަ" އަކީ އެފަދަ ނަމޫނާ އެކެވެ.
އެކަމަކު "އިލްޒާމް" މިއީ ޔޫއްޕެގެ އެންމެ މޮޅު އެއް ސްކްރިޕްޓޭ ބުނަން ޖެހެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ސަސްޕެންސް ގެނެސްފައިވާ ގޮތެވެ. ދެންވާނެ ގޮތަކާމެދު އަބަދުހެން އިންނަން ޖެހެނީ ޝައުގުވެރިކަމާއެކު ސުވާލެއްގަ އެެވެ. މިއީ ވަރަށް މަދުން ނޫނީ ދިވެހި ފިލްމަކުން ނުފެންނަ ކަމެކެވެ.
އިލްޒާމްގެ ޕްރިމިއާ ނައިޓް: ޔޫއްޕްގެ ޑްރީމް ޕްރޮޖެކްޓް ހަޤީޤަތަކަށް ހަދައިދިނުމުގައި އެހީތެރިވެދިނީ މުހަންމާ
ފިލްމުގައި ދައްކުވައިދޭ ހުރިހާ ހާދިސާތައް ގެނެސްދީފައި ވަނީ ވަރަށް ފުރިހަމައަށެވެ. ހާލަތާއި ގުޅޭ ބަސްތަކާއި ލަފްޒުތައް ހިމަނާފައިވެ އެވެ. އެންމެ ފާހަގަކުރެވޭ ކަމަކީ ފިލްމުގައި ހިނގާ ހުރިހާ ކަމެއް ފުރިހަމައަށް ހުށަހަޅައިދީފައިވުމެވެ. ވަށާޖައްސާފައިވުމެވެ.
ސީރިއަސް އެތައް ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ހިއުމާ ހިފަހައްޓަން ދޭތެރެދޭތެރެއިން އަންނަ ހެއްވާ މަޖާ ކަންކަމުން ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.
ޔޫއްޕެގެ މި ސްކްރީންޕްލޭއަށް ދޭން އޮތީ 100 އަކުން 100 އެކެވެ. މިއީ އެވޯޑް އުފުލާނެ މޮޅު ސްކްރީންޕްލޭ އެކެވެ.
ޔޫއްޕެ އޭނާގެ ދޮށީ ދަރިފުޅާއެކު ރެޑްކާޕެޓްގައި ފޮޓޯއަކަށް ހުއްޓިގެން --
ފިލްމެއް އުފެއްދުމުގެ އިންތިޒާރުގައި 15 އަހަރު ހުރުމަކީ ކުޑަކަމެއް ނޫނެވެ. އަމުދުން ސްކްރީންޕްލޭއެއް ލިޔެ އެ ވާހަކައިގައި "ފުރާނަ" އެޅިގެން ބެލުންތެރީންނާއި ހަމައަށް ގެނެސްދެވޭނެ ކަމުގެ އުންމީދުގައި 15 އަހަރު ހުރުމަކީ ވަރަށް ބޮޑު ކަމެކެވެ.
އެކަމަކު ކެތްތެރިކަމާއެކު ޔޫއްޕެ ހުރީ އެވެ. ސުވާލަކީ އެ ހުރި ހުރުން ހަމަ "ވޯތު" ހެއްޔެވެ. ފަނަރަ އަހަރަށް ފަހު ޔޫއްޕެ އެ ގެނެސްދިނީ އޭނާ ޑްރީމް ކުރި ވަރުގެ ފިލްމެއް ހެއްޔެވެ. ފިލްމު ބަލާލުމަށް ފަހު އެ ސުވާލަށް ޖަވާބު ދޭން ވަަރަށް ފަސޭހަ އެވެ.
ޖަވާބަކީ "އާއެކެވެ". ކުޑަވެސް ސުވާލެއް ޝައްކެއް ނެތެވެ. ފަނަރަ އަހަރަށް ފަހު ޔޫއްޕެގެ ޑްރީމް ހަޤީޤަތަކަށް ވެގެން ދިޔައީ މޮޅު ފިލްމަކުންނެވެ. މިހާ ދުވަހު މަޑުއެކުރީ ހަމަ ރަނގަޅު ސަަބަބަކަށްޓަކަ އެވެ. "އިލްޒާމް" މިއީ ހުރިހާ ގޮތަކުން މޮޅު ފިލްމެކެވެ.
ފިލްމުގެ މަންޒަރުތައް ހިތްގައިމެވެ. ވަރަށް ރީއްޗެވެ. ގެނެސްދީފައިވާ ގޮތް މޮޅެވެ. ކުލަތަކާއި އަޑުތައް ފުރިހަމަ އެވެ.
ޔޫއްޕެގެ ހުރިހާ ޝުކުރެއް އޮތީ އެކި ގޮތްގޮތުން އެހީތެރިދިން ފަރާތްތަކަށެވެ. ޚާއްސަކޮށް މި ފިލްމު ގެނެސްދިނުމުގައި ބައިވެރިވި ދެކެދެކެވެސް ޕްރޮޑަކްޝަންގެ މުޙައްމަދު ޢަބްދުﷲ އެވެ. އޭނާއަށް އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. ޔޫއްޕެ ބުނި ގޮތުގައި އަބަދުވެސް އޭނާއަށް މުހަންމާ ޚާއްސަ އެވެ. އަބަދުވެސް އެންމެ އެހީތެރިކަން ލިބޭ އެކަކީ އެއީ އެވެ.
މީގެ އިތުރުން ޔޫއްޕެގެ އާއިލާއާ ފިލްމުގެ މުޅި ކާސްޓް އަދި އެކި ގޮތްގޮތުން އެހީތެރިކަން ދިން ހުރިހާ ފަރާތްތަކަކަށް ޔޫއްޕެގެ އޮތީ ޚާއްސަ ޝުކުރެކެވެ. އަދި ފިލްމް ސްޕޮންސަރު ކޮށްދެއްވި ފަރާތްތަކަށްވެސް ޔޫއްޕެ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
މި ފިލްމުން ދެނީ ކޮންމެ މީހަކަށް ވެސް މުހިންމު މެސެޖުތަކެކެވެ. އިބްރަތުން ފުރިވެގެންވާ މެސެޖުތަކެކެވެ. ހަޔާތުގެ ކުރު ކަމެވެ. ދިރިއުޅުމުގެ ހަޤީޤަތެވެ. މަރުވާނެ ކަމެވެ. މައިބަފައިންނަށް ހެޔޮކޮށް ހިތުމުގެ މުހިންމު ކަމެވެ. އެ މީހުންނަށް އަނިޔާވެރިވެއްޖެ މީހެއްގެ ނިމުން އަންނަ ގޮތެވެ.
ކަންކަމުގެ ހަގީގަތް ބެލުމުގެ މުހިންމު ކަމެވެ. ކަމުގެ ދެކޮޅު ނުބަލާ ދޮގު "އިލްޒާމް" އެޅުވުމުގެ ނުރައްކާތެރި ކަމެވެ. ދެބައޮޑުވުމާއި ދޭތެރެ ޖެއްސުމުގެ ނުބައި ކަމެވެ. އެކަމުން ނުކުންނަ ނުބައި ނަތީޖާ އެވެ. އެފަދަ މީހެއްގެ ސަބަބުން މުޖްތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކެވެ. އާއިލާތައް ރޫޅި ބައިބައިވެގެންދާ ގޮތެވެ. ހިނގާ ހަމަނުޖެހުންތަކާއި އަނިޔާވެރި އަމަލުތަކެވެ.
ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮންނަން ޖެހޭ ލޯތްބެވެ. ކިޔަމަންތެރި ދަރިއަަކަށް އާޚިރުގައި ލިބޭ ނަސީބާއި ކާާމިޔާބެވެ. މައްސަަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރުމުގެ މުހިންމު ކަމެވެ. ގޮތް ދޫކުރުމާއި ރުޅި އިސްނުކުރުމުގެ ފައިދާ އެވެ. މިހެން ގޮސް ކިތަންމެ އިބްރަތްތެރި މެސެޖްތަކެކެވެ.
މިއީ އާންމުންނަށް މި ފިލްމު ކަމުދިޔަ މުހިންމު ސަބަބަކަށް ވި އެވެ.