ENGLISH
04 ނޮވެމްބަރު 2025
އޮލިމްޕަސް ހެއްވާލަން އެއްދުވަސް؛ ކޮބާ ކޭޖީއެމްގެ ޓިކެޓް ނަގައިފިންތަ؟
04 ނޮވެމްބަރު 2025
|
ކޮސްގިނަ މިސްޓޭކް ގެ މެއިން ޕޯސްޓަރު
މި އަހަރު ދިވެހި ސިނަމާއަށް އަންނާނެ އެންމެ ތަފާތު ފިލްމަކީ ސެޓާން ސްޓޫޑިއޯ އާއި ޝައި ޕްރޮޑަކަޝަން ގުޅިގެން އުފައްދާފައިވާ "ކޮސްގިނަ މިސްޓޭކް" އެވެ. މިއީ މި ފަހުން އޮލިމްޕަހުގައި ދައްކާނެ އެންމެ މަޖާ އެއް ފިލްމަށް ވާނެ އެވެ.
ބޮޑު ކާސްޓަކާއެކު އުފައްދާފައިވާ މި ފިލްމު މާދަމާ ރޭ ޕްރިމިއާ ކުރާނެ އެވެ. ބެލުންތެރީންގެ އިންތިޒާރަށް ނިމުންނާނެ އެވެ. މިއީ ވަރަށް ގިނަ ބެލުންތެރީން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އައި ފިލްމެކެވެ. ފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވިކި ހުސްވެފައިވާއިރު އިތުރު ޝޯތަކުގެ ޓިކެޓް މިހާރު ދަނީ ވިއްކަމުންނެވެ.
ދިވެހި ފިލްމީ ދާއިރާގައި އެންމެ ކާމިޔާބު ކޮމެޑީ ފިލްމްތައް އުފައްދާ ޕްރޮޑަކްޝަން ހައުސްއަކީ ޝައި ޕްރޮޑަކްޝަން އެވެ. އެގޮތުން އުފައްދާފައިވާ ކާމިޔާބު ފިލްމްތަކަށް ބަލާއިރު "ނޯޓީފޯޓީ" އާއި "ފޯޓީ ޕްލަސް" ހިމެނެއެވެ. ޝައި ޕްރޮޑަކްޝަންގެ ވެރިޔާ އަދި މި ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނީ "ކޮސްގިނަ މިސްޓޭކް" ވެގެންދާނީ ކުރީގެ ފިލްމްތައްފަދަ ބެލުންތެރިން ކޮސްކޮށްލާ ހެއްވާލާނެ ފިލްމެއް ކަމަށެވެ.
ދިވެހިރާއްޖޭގައި އެންމެ މަގުބޫލު ފިލްމް އުފައްދާ ޕްރޮޑަކްޝަން ހައުސްއަކީ ސެޓާން ސްޓޫޑިއޯ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެގޮތުން މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު "ކަމަނާ" އަދި މިއަހަރުގެ މިހާތަކަށް އެންމެ ކާމިޔާބު ފިލްމްކަމަށްވާ " ކަނބުލޮ" ފާހަގަކޮށްލެވެއެވެ.
މި ދެ ސްޓޫޑިއޯ ގުޅިގެން ކުރިންވެސް ބެލުންތެރިންނާ ހަމައަށްވަނީ ތަފާތު މޮޅު ފިލްމުތަކެއް ގެނެސްދީފައެވެ.
އެހެން ކަމުން މި ފިލްމަށް ކުރެވޭ އުންމީދު ވަަރަށް ބޮޑެވެ.
ރާއްޖޭގެ އެކި ރަށްރަށުގަ އާއި، ރިސޯޓްތަކުގައި މި ފިލްމް ސްކްރީން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެެ ފުރުސަތު އެބަ އޮތެވެ. އެ ފުރުސަތު ބޭނުންނަމަ 7779621 / 9111164 އަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރެއްވުމަށް ވެސް ޕްރޮޑަކްޝަން ހައުސްއިން ވަނީ އެދިފަ އެވެ.
ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ވާހަކައަކަށް އުފައްދާ މި ފިލްމްގެ ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ ޢަލީ ސީޒަންއެވެ. މިފިލްމް ޝޫޓްކޮށްފައި ވަނީ މިއަހަރު ކުރީކޮޅު މ. މުލަކުގައެވެ.
މި ފިލްމުގައި ފެނިގެންދާ ރާއްޖޭގެ މަޝްހޫރު ހުރިހާ ތަރިންގެ ރޯލު ވެސް އެއްވަރަކަށް ފެނިގެންދާނެެކަމަށް މި ފިލްމުގެ ޑައިރެކްޓަރ ބުންޏެވެ.
މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ، ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، އާމިނަތު ރިޝްފާ، މަރިޔަމް ޢައްޒަ، އަހްމަދު ނިމާލް، ޢަލީ ޢާޒިމް (ދޮން އައްޔަ)، ޖުމައްޔިލް ނިމާލް، ފުބޫ، ޝިފާ، ޑޯރާ، އަމަންގެ އިތުރުން ޝާއްކޮ އަންމަޑޭ އާއި ގުލިސްތާނު އަދި ހާމިދު ފަދަ ކުޅަދާނަ ފަންނާނުން ހިމެނެއެވެ.
މި ފިލްމްގެ ކެމެރާމަނަކީ ތަޖުރިބާކާރު އަދި ރާއްޖޭގައި އެފަދަ ދެވަނައެއް ނުވާ ކެމެރާމަން، އިބްރާހިމް ވިސާން (ކަނޑި) އެވެ. އަދި ފިލްމްގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކޮށްފައިވަނީ އަބްދުﷲ މުއާޒް ޕްރޮޑަކްޝަން އާއި، ބްލެކް މީޑިއާގެ އިތުރުން ޔޫއްޕެ ޕްރޮޑަކްޝަން އިންނެވެ.
މުހައްމަދު އަބްދު ޣަނީ (ތޭރަ) ހަދާފައިވާ ޅެންތަކަށް މި ފިލްމުގެ ލަވަތައް ކިޔާފައިވަނީ ތޭރަ، މަރިޔަމް އަޝްފާ، އާއި ޖަލާލްގެ އިތުރުން ފުބޫއެވެ.
އިސްމާއިލް ޝަފީގު ޕްރޮޑިއުސް ކުރާ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރަކީ އަލީ ޝާނިޒް މުހައްމަދުއެވެ.