ENGLISH
28 އޮކްޓޯބަރު 2025
ކާށިދޫގެ ޒަމާންވީ ޝަކުވާތަކަށް ހައްލުތަކެއް ލިބެނީ؛ ހަތަރު މަޝްރޫއެއް އަމަލީ ގޮތުން ފެށިއްޖެ
28 އޮކްޓޯބަރު 2025
|
ކާށިދޫގައި ރައީސް ތަގުރީރުދެއްވަަނީ، ފޮޓޯ: ރައީސް އޮފީސް
ކ.ކާށިދޫގެ އަސާސީ ހިދުމަތްތަކާ ގުޅޭ ގޮތުން އެ ރަށުގެ ރައްޔިތުން އެދެމުން އައި ގިނަ ކަންތައްތަކެއް ހަގީގަތަކަށް ހަދައިދޭ މުހިއްމު ހަތަރު މަޝްރޫއެއް އެ ރަށުގައި އަމަލީ ގޮތުން މިއަދު ފެށިއްޖެއެވެ.
މި މަޝްރޫއުތައް އަމަލީ ގޮތުން ފަށާފައިވަނީ ކ.އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު ކާށިދޫއަށް ވަޑައިގެންނެވުމުން އެ ރަށުގައި ބޭއްވި ވަކިވަކި ރަސްމިއްޔާތުތަކެއްގައެވެ.
އެ ރަށުގައި އަމަލީ މަސައްކަތް ފެށި މަޝްރޫއުތަކުގެ ތެރޭގައި ކާށިދޫ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހީމެވެ. އެ މަސައްކަތް ކުރަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
އަދި ކާށިދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވަައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އެ މަޝްރޫއަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެފްއާރްސީތައް ތަރައްގީކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، އެ ހިދުމަތް ދިނުމަށް އެ މުއައްސަސާގެ އަމިއްލަ އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކާށިދޫގައި އަޅާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ. އެ މަސައްކަތް ކުރަނީ ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުންނެވެ.
އަދި އެ ރަށުގައި ތަރައްގީކުރާ ރިހެބް ސެންޓަރުގެ އަމަލީ މަސައްކަތްވެސް މިއަދު ފަށާފައިވެއެވެ. ރައީސް ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތުގައި އެ މަޝްރޫއު ފައްްޓަވައިދެއްވީ މިނިސްޓަރ އިހުސާނެވެ. މި މަޝްރޫއުވެސް ހިންގަނީ އާރްޑީސީންނެވެ.
ރައީސް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ރިޔާސީ އިންތިހާބުގައާއި އޭގެ ފަހުން ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި އެ ރަށްރަށުގައި ކުރިއަށްގެންދަވަން އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ އަމަލީ މަސައްކަތް އަންނަނީ ފަށަމުންނެވެ.