ENGLISH
27 އޮކްޓޯބަރު 2025
ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނީ އެއްވަނަ ގިންތީގައި: ރައީސް
27 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ކައުންސިލްތަކުގެ މުވައްޒަފުން މިހާތަނަށް އައިއިރު ގިންތިކޮށްފައި އޮތީ ދަށް ގްރޭޑެއްގައި ކަމަށާއި، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ އަންނަ ނޮވެމްބަރު މަހު ބޮޑުވާއިރު، މުސާރަ ބޮޑުވާނީ އެއްވަނަ ގިންތީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތަށް ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން، ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުން އަދި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ބޮޑުވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ހުރީ ހަތަރު ވަނަ ގްރޭޑުގައި ކަމަށެވެ. އެކަމަކު، ކައުންސިލް މުވައްޒަފުންނަކީ ރެޔާއި ދުވާލު ބުރަކޮށް މަސައްކަތްކުރަންޖެހޭ ބައެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން މަސައްކަތްކުރީ ހަތަރު ވަނަ ގިންތިން ތިންވަނަ ގިންތިއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޮޑުވާ މުސާރައިގައި ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ މިސަރުކާރުން ބޮޑުކުރާނީ އެއްވަނަ ގިންތީގައި ކަމަށެވެ.
"އަޅުގަނޑުމެން މި ނިންމާފަ މިހާރު މިއޮތީ ނޮވެމްބަރު އެކަކުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެ ވެސް ޕޭ ހާމަނައިޒް ވާއިރުގަ، ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން ތިނަކަށް ނޫން. ހަތަރަކުން އެކަކަށް، އެއް ގިންތިއަކަށް ސިވިލް ސަރވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރާ މުވައްޒަފުން ވެސް ގިންތިކުރަން" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ އެގޮތަށް ބޮޑުވާއިރު، މުސާރަ ބޮޑުނުވާ ދާއިރާތަކުގެ މުސާރައިގެ އޮނިގަނޑުތައް ނިންމައި އަންނަ އަހަރު ޕޭ ހާމަނައިޒް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމާއެކު، ރައްޔިތުންގެ އާމްދަނީ ވެސް މަތިކުރުމަށް ކަމަށެވެ.
ކުރެންދޫގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެރަށުގައި ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫޢެއް މުހިއްމުކަން ދީގެން ނިންމާނެ ކަމަށެވެ.
ކުރެންދޫއަށް އެންމެ މުހިއްމު އެއް ކަމަކީ ބިމުގެ ޖާގަ އިތުރުކުރުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މިހާރު އެރަށުގައި ކުރިއަށްދާ 50 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ އެރަށުގެ ހައުސިން މައްސަލައަށް ހައްލެއް ނޫން ނޫންކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު މީގެކުރިން ވިދާޅުވެފައިވާ ގޮތަށް، ބިމުގެ ޖާގަ އިތުރުކުރުމަށް ޅ. ޅޮއްސަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަން މަސައްކަތްކުރައްވަމުންގެންދަވާ ކަމަށެވެ.
އެހެން މަޝްރޫޢެއްގެ ބޭނުމަށް ޅޮއްސަލަފުށި ބަޔަކާ ހަވާލުކޮށްފައިވާތީ، ސަރުކާރަށް ގެއްލުންނުވާ ގޮތަށް އެރަށް ކުރެންދޫއަށް ހޯދައިދޭން މަސައްކަތްކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަދި އެމަސައްކަތް ނުނިމޭ ކަމަށާއި، ސަރުކާރުން މަސައްކަތްކުރަނީ އެކަމުގައި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަމާއެކު، ޅޮއްސަލަފުށި ކުރެންދޫގެ ބައެއްގެ ގޮތުގައި ވީހާވެސް އަވަހަކަށް ހަމަޖެއްސުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.