ENGLISH
03 ފެބްރުއަރީ 2026
ކުރެންދޫގައި ޞިއްޙީ މަރުކަޒުގެ އިމާރާތާއި މަގުތައް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
27 އޮކްޓޯބަރު 2025
|
ކުރެންދޫ ޞިއްޙި މަރުކަޒުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ޅ. ކުރެންދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢޫތަކުގެ ތެރެއިން، ކުރެންދޫ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއި ކުރެންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ދެ މަޝްރޫޢުގެ މަސައްކަތް ވެސް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ.
ކުރެންދޫ ޞިއްޙި މަރުކަޒުގެ އާ އިމާރާތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
ކުރެންދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. --ފޮޓޯ: ރައީސް އޮފީސް
ކުރެންދޫގައި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެންދޫއަށް ވަޑައިގެން މިއަދު ވަނީ އެރަށު ސްކޫލުގައި އިމާރާތްކުރި މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވުމާއި، އެރަށުގައި ތިން މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުން ޝަރަފްވެރިކޮށްދެއްވާފައެވެ.
ކުރެންދޫގައި ސަރުކާރުން ޢަމަލީ މަސައްކަތް ފެށީ ބަނދަރު ތަރައްޤީކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަޝްރޫޢެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މުހިއްމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.