ENGLISH

03 ފެބްރުއަރީ 2026

Advertisement

ރަސްފަންނުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފި

27 އޮކްޓޯބަރު 2025

|

އާމިނަތު ނުޒްލާ

ރަސްފަންނުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް އެމްޓީސީސީން ނިންމުން: --ފޮޓޯ: އެމްޓީސީސީ

މާލޭގެ ރަސްފަންނު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެ ސަރަޙައްދުގެ ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރަސްފަންނު ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ މައްސަލަ ހައްލުކުރުމާއި، ބޭރު ތޮއްޓަށް ބަދަލު ގެނެސް މޫދަށް އެރޭ ސަރަޙައްދުގައި ފެން ދައުރުވުން ރަނގަޅުކުރުމާއި، އެ ސަރަޙައްދުގެ ފެން ހިންދާ ނިޒާމް ރަނގަޅުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފައެެވެ. 

ރަސްފަންނު ސަރަޙައްދު ތަރައްޤީކުރުމުގެ އިތުރު މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމްޓީސީސީން ބުންޏެވެ.

އެ ސަރަޙައްދު ބޭނުންކުރާ މީހުންނަށް ބޭނުންވާ އާންމު ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޑަބްލިއުއެސްސީއާ އެވެ. ރަސްފަންނުގައި ފާޚާނާބަރިއަކާއި، ފެން މާގަނޑު ބެހެއްޓުން އަދި ލޮކަރފަދަ ވަސީލަތްތައް ޤާއިމްކުރަން ވަނީ ހަމަޖެހިފައެވެ. އެކަމަށް ބޭނުންވާ ބިން މިހާރު އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ.

ރަސްފަންނަކީ، ގިނަ ބަޔަކު ހިތްހަމަޖައްސާލުމަށްދާ ތަނެކެވެ. ސަރުކާރު ބަންދު ދުވަސްތަކުގައި އާއިލާއާ އެކު ޒިޔާރަތްކޮށް އާއިލީ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވެސް އެ ސަރަޙައްދު ބޭނުންކުރެއެެވެ.

ރަސްފަންނަށް ސަރުކާރުން ގެންނަ ތަރައްޤީއާއެކު، އެސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ހިތްގައިމު އުފާވެރި ހިދުމަތްތައް ރަނގަޅު މާޙައުލެއް ލިބިގެންދާނެއެވެ.

ރަސްފަންނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައުސިންގ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު އެ މިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްޤީކޮށް ހުޅުވާފައިވާ ތަނެކެވެ.

ކިޔުންތެރިންގެ ހިޔާލު