ENGLISH

03 ފެބްރުއަރީ 2026

Advertisement

ނިމުނު ފަސް އަހަރު މާލެއަށް ރަޖިސްޓްރީކުރި އުޅަނދު %118.5 އިތުރުވި، މިހާރު ދަނީ މަދުވަމުން

27 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް މިނިސްޓަރ އަމީން ޖަވާބުދެއްވަނީ، ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ފަސް އަހަރުގެ ވެރިކަމުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރި އުޅަނދުގެ އަދަދު 118.5 އިންސައްތަ އިތުރުވިކަމަށާއި، މިހާރު މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު އެ ނިސްބަތް ވަރަށް ބޮޑަށް މަދުކުރެވެމުންދާކަމަށް ދަތުރުފަތުރާއި ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެެެވެ. 

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު އިތުރު ސުވާލުގެ ވަގުތުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުވަނީ އެންމެ ގިނައިން މާލެ ސަރަހައްދަށް އެއްގަމު އުޅަނދުފަހަރު ތޮއްޖެހުނީ ކޮން ދައުރެއްގައިތޯ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އަމީނުވަނީ އުޅަނދުފަހަރު އިތުރުވި ގޮތް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. 

އޭގެ ކުރިން އެހެން މެންބަރެއްގެ ސުވާލަށް ޖަވާބުދެއްވަމުން މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު އިތުރުވުމަށް މެދުވެރި ސަބަބުތަކުގެ މައްޗަށް މިނިސްޓަރު އަލިއަޅުވައިލެއްވިއެވެ. އެގޮތުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާލޭ ސަރަހައްދަށް އުޅަނދު ރަޖިސްޓްރީކުރުމުގައި 2018 ވަނަ އަހަރުގެ ކުރިން ގަރާޖާ ގުޅޭ ލިޔެކިޔުން ފުރިހަމަކުރަންޖެހުނު ނަމަވެސް އޭގެ ފަހުން އެ ޝަރުތުތަކަށް ރިއާޔަތްނުކޮށް މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ރަޖިސްޓްރީކޮށްދީފައިވެއެވެ. 

ޝުޖާގެ ސުވާލަށް ޖަވާބުދެއްވަމުން އަމީނު ވިދާޅުވީ 2019 އާއި 2023 ވަނަ އަހަރާ ދެމެދު މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރި އުޅަނދުފަހަރުގެ އަދަދު 118.5 އިންސައްތަ އިތުރުވިއެވެ. ނަމަވެސް މާލޭ ސަރަހައްދުގައި ގެންގުޅޭ އުޅަނދުފަހަރު މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރި އުޅަނދު މަދުވެފައިވާކަން އޭނާަ ފާހަގަކުރެއްވިއެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި 2024 ވަނަ އަހަރު މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރި އުޅަނދުގެ އަދަދު 72.6 އިންސައްތަ މަދުވިއިރު، މި އަހަރުގެ މިހާތަނަށް މާލޭ ސަރަހައްދުގައި ރަޖިސްޓްރީކުރި އެއްގަމު އުޅަނދުފަހަރުގެ އަދަދު 74.3 އިންސައްތަ މަދުވެފައިވެއެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ މާލޭ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ އަމާން ސިޓީއަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތުގައި ރައްޔިތުންގެ މަޖިލީހާއި ސިޓީ ކައުންސިލުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާނެ ކަމަށެވެ. އަދި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ މާލެއަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނަކަށް ހެދޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު