ENGLISH

03 ފެބްރުއަރީ 2026

Advertisement

އަތޮޅު ކައުންސިލުތައް އުވައިލުމުން ސަލާމަތްވާ ފައިސާ ރަށްތަކަަށް؛ ބޭނުންކުރާނީ އެހީ ބޭނުންވާ މީހުންނަށް އެހީވާން

27 އޮކްޓޯބަރު 2025

|

ޝިފްޒާން އަޙްމަދު

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު، އެ ކައުންސިލުތައް އުވައިލުމުން ސަލާމަތްކުރެވޭ ފައިސާ ރަށްރަށު ކައުންސިލުތަކަށް ދެއްވާނެކަމަށާއި، އެ ފައިސާ ބޭނުންކުރެވޭނީ ރަށްރަށުގައި ތިބޭ ނާޒުކު ހާލަތުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުންނަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރއީސް ވިދާޅުވީ މި ހަފުތާ ތެރޭގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަަޖިލީހަށް ސަރުކާރުން ހުށަހަޅާނެ ކަމަށާއި، އެ ބަޖެޓު ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މިހާރަށްވުރެ ފުރިހަމައަށް ފުޅާކޮށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ގޮތަށް ކަމުގައެވެ. 

އެގޮތުން ސަރުކާރުން ނިންމާފައިވާ އެއް ނިންމުމަކީ ގާނޫނުއަސާސީ ބަދަލުކޮށް އަތޮޅު ކައުންސިލުތައް އުުވައިލުން ކަމަށް ރައީސް ވިދާޅުވިއެވެ. އަތޮޅު ކައުންސިލުތައް އުވައިލުމުން ސަލާމަތްވާ ފައިސާ ބަހައިލެވިގެންދާނީ ރަށްރަށުގެ ކައުންސިލުތަކުގެ މެދުގައި ކަމަަށްވެސް ރައީސް ވިދާޅުވިއެވެ. 

"އަތޮޅު ކައުންސިލުތައް އުވައިލުމުން މި ލިބޭ ފައިސާ ބަހައިލާނީ ރަށްރަށުގެ ކައުންސިލުތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމތްތައް ދޭން، ރައްޔިތުންގެ އިޖުތިމާއީ ކަންކަމަށް ފަހިވާ ގޮތަށް،" ރައީސް ވިދާޅުވިއެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލުތައް އުވައިލުމުން ހަމަޖެހޭ ފައިސާ ރަށްރަށުގެ ކައުންސިލުތަކަށް ދޫކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުއްލި ކަމެއް ދިމާވެގެން އެހީތެރިކަން ބޭނުންވާ މީހުންނާއި، އެނޫނަސް މުޖުތަމައުގައި ތިބޭ އެހީތެރިކަން ބޭނުންވާ އެކި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ޝަރުތުކުރުމަށްފަހުއެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި ކައުންސިލުތަކުގެ މެންޑޭޓުގައި ބައިވަރު ކަންކަން ހިމެނޭއިރު، އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީވެސް ކައުންސިލުތަކުގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުން ހިމަނާފައިވާ ކަންކަމެވެ. އަދި އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު ރަށު ކައުންސިލުތަކުގެ ބަޖެޓަށް އިތުރުކޮށްދޭ ފައިސާއަކީ ކައުންސިލުތަަކުގެ ޒިންމާގެ ތެރެއިން ފޯރުކޮށްދޭން އިޖުތިމާއީ ހިދުމަތްތަައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ފައިސާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު