ENGLISH
03 ފެބްރުއަރީ 2026
ސިޓީ ކައުންސިލަށް މާލޭގެ ކެރީން ކެޕޭސިޓީ ކަނޑަނޭޅުނު؛ ގާނޫނަށް ބަދަލުގެންނަނީ
27 އޮކްޓޯބަރު 2025
|
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަަދު އަމީން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެންމެ މަޤްބޫލު
މާލޭ ސިޓީގައި ގެންގުޅެވޭނެ އެއްގަމު އުޅަަނދުފަހަރުގެ އަދަދު ނުވަތަ މާލޭގެ ކެރީން ކެޕޭސިޓީ ސިޓީ ކައުންސިލަށް ކަނޑަނޭޅި ގިނަ ދުވަސްވުމާ ގުޅިގެން ގާނޫނަށް ބަދަލުގެނެސް މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ކެރީން ކެޕޭސިޓީ ކަނޑައެޅޭ ގޮތަށް ގާނޫނު ބަދަލުކުރަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީނެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށާއި ސިޓީ ކައުންސިލުތަކުގެ ކެރީން ކެޕޭސިޓީ ކަނޑައެޅުމުގެ ބާރަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިފައި އޮތް ބާރެއް ކަމަަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އޭނާ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުންވެސް މާލޭގެ ކެރީން ކެޕޭސިޓީ ކަނޑައަޅައި އިއުލާނުކުރެވޭތޯ ސިޓީ ކައުންސިލާއެކު ގިނަ މަސައްކަަތްތަކެއްވަަނީ ކުރެވިފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކާމިޔާބުނުވުމާއެކު، ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ކެރީން ކެޕޭސިޓީ ކަނޑައަޅުއްވައި އިއުލާނުކުރައްވާނެ ކަމުގައި އަމީން ވިދާޅުވިއެވެ.
"އަޅުގަނޑު މިނިސްޓަރުކަމާ ހަވާލުވިފަހުން ސިޓީ ކައުންސިލާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކެރީން ކެޕޭސިޓީ އިއުލާނުކުރެވޭތޯ. މިއަދާ ހަމައަށްވެސް އެކަން ކާމިޔާބުވެފައި ނެތުމާއެކީގައި އަޅުގަނޑުމެން އެކަންތައް ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް މިނިސްޓްރީން މިކަންކުރާނެ ކަމުގައި ދަންނަވަން،" އަމީނު ވިދާޅުވިއެވެ.
އަމީނު އިތުރަށް ވިދާޅުވީ މާލޭގައި އުޅަނދުފަހަރު އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބބަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ގާނޫނުުގައި ބުނެފައިވާ މިންގަނޑުތަކަށް ބަލަައިގެން ލިޔެކިޔުންތަކެއް ފުރިހަމަކޮށްގެން ނޫނީ މާލެއަށް އުޅަނދުފަހަރު އެތެރެނުކުރެވޭ ގޮތަށް އޮތް އޮތުމަށް އަމަލުކުރުން ހުއްޓައިލުމެވެ.
މި ސަރުކާރުން ގެނައި ބަދަލު ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިދިޔަ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ގަރާޖެއް ނުވަތަ ރަޖިސްޓްރީކުރާނެ ވަކި ތަނެއް ނެތި މާލޭ ސަރަހައްދަށް މިހާރު ވެހިކަލް އެތެރެނުކުރެވޭނެ ކަމަށެވެ. ގާނޫނުގެ ތެރެއިން ދެ ފުރޮޅުލީ އުޅަނދާމެދު ކުރެވޭނެ މާ ބޮޑު ކަމެއް މިވަގުތު ނެތުމާއެކު ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި އެ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން މަޖިލީހަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ހުށަހަޅުއްވާނެ ކަމުގައި އަމީނު ވިދާޅުވިއެވެ.