ENGLISH
13 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ށ. ބިލެތްފަހި ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން
13 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ބިލެތްފަހި ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ބިލެތްފަހި ސްކޫލްގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ރަށުގައި މީގެ ކުރިން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ. އެގޮތުން ފެނާއި ނަރުދަމާގެ މަޝްރޫޢާއި، ބަނދަރުގެ މަސައްކަތް ފާހަގަކުރެއްވި. މީގެ އިތުރުން ރަށުގެ ބަނދަރުގެ ނެރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި ކްލާސްރޫމް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގަތް. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް އިތުރުރުކޮށްދެއްވުމަށާއި، އަލަށް އާބާދުވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި ކޮށްޓެއްގެ އިތުރުން އެއާޕޯޓުގެ މަސައްކަތް މިދައުރުގައި ނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފަ.