ENGLISH
19 އޮކްޓޯބަރު 2025
"ފޯރީގައި ދަނޑަށް" ނަމުގައި ޤައުމީ ޓީމާއެކު ކުޑަކުދިންގެ ހަވީރެއް ބާއްވައިފި
11 އޮކްޓޯބަރު 2025
|
"ފޯރީގައި ދަނޑަށް" ނަމުގައި މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން. --ފޮޓޯ: އެފްއޭއެމް
"ފޯރީގައި ދަނޑަށް" ނަމުގައި ޤައުމީ ޓީމާއެކު ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި "ފޯރީގައި ދަނޑަށް" ނަމުގައި މިއަދު ކުރިއަށްގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު ފޮޓޯއެއް ނަގައި، ބައްދަލުކޮށްލުމުގެ ފުރުޞަތު ވަނީ ދީފައެވެ.
އެފްއޭއެމުން ބުނީ، މިއަދު ބޭއްވި ހަރަކާތުގެ ބޭނުމަކީ، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރީން ޤައުމީ ފުޓްބޯޅަ ޓީމާއެކު ދިވެހިން ތިބިކަން އަންގައިދީ، ޓީމުގެ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ކުޑަކުދިންނަށް ހޯދައިދިނުން ކަމަށެވެ.
މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރުގައި ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރޭގައި، ރޮބޮމޭން އާއި ފްރީސްޓައިލް ސައިފްގެ އިތުރުން މަގުބޫލު ބޮޑުބެރު ގްރޫޕް ބިދަބިންގެ ހަރަކާތްތައް ފެނިގެންގޮސްފައިވެއެވެ.
މީގެއިތުރުން، މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ އަންގާރަ ދުވަހު މާލޭގައި ރާއްޖެ އާއި ތަޖިކިސްތާން ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގެ ޓިކެޓް ވަނީ ވިއްކަން ފަށާފައެވެ. އެގޮތުން، ގަލޮޅު ރަސްމީ ދަނޑުގައި ކުޅޭ މި މެޗުގެ ގޮނޑިބަރި ޓިކެޓެއްގެ އަގު 100 ރުފިޔާ އަށް ހަމަޖައްސާފައިވާއިރު، ސިޑިބަރި ޓިކެޓްގެ އަގަކީ 50 ރުފިޔާ އެވެ.
"ފޯރީގައި ދަނޑަށް" ނަމުގައި ކުރިއަށްގެންދިޔަ މި ހަރަކާތަށް އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.