ENGLISH
17 އޮކްޓޯބަރު 2025
އިންޑިއާއަށް ދަތުރުކުރެވޭ ހާއްސަ ފެއާއެއް މޯލްޑިއަނުން ފަށައިފި
11 އޮކްޓޯބަރު 2025
|
މިއަހަރުގެ ޤައުމީ ދުވަހު މޯލްޑިވިއަނުން ކުރި ދަތުރެއްގެ ތެރެއިން. ފޮޓޯ: މޯލްޑިވިއަން
އިންޑިއާއަށް ދަތުރުކުރެވޭ ހާއްސަ ފެއާއެއް ގައުމީ އެއާލައިން މޯލްޑިވިއަނުން ފަށައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އެ ފެއާގެ ދަތުރުތައް ހާއްސަކުރަނީ މާލޭން ކޮޗިން އަދި ޓްރިވެންޑްރަމްގެ އިތުރުން ހަނިމާދޫން ޓްރިވެންޑްރަމަށެވެ.
ހަނިމާދޫން ޓްރިވެންޑްރަމަށް ދެވޭގޮތަށް ހަމަޖައްސާފައިވާ ފެއާގެ އަގަކީ 337 ޑޮލަރެވެ. އެއީ ކޮންމެ ހޯމަ އަދި ހުކުރު ދުވަހު ކުރާ ދަތުރުތަކެކެވެ.
މާލޭން އިންޑިއާގެ ކޮޗިން އަށް ކަނޑައަޅާފައިވާ ފެއާގެ އަގު ފަށަނީ 176 ޑޮލަރުންނެވެ. ކޮންމެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު އެ ދަތުރުތައް ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
މޯލްޑިވިއަން އެއާލައިނުން ޓްރިވެންޑްރަމަށް ކުރާ ދަތުރުތައް ފެއާގައި ފެށޭ އަގަކީ 232 ޑޮލަރެވެ. އެ ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
މޯލްޑިވިއަނުން ބުނީ ދަތުރުތައް ފެއާ ރޭޓުގައި ކުރެވޭ ގޮތަށް ހަމަޖެއްސީ، އެ މަންޒިލްތަކަށް ކުރާ ދަތުރުތައް ވަރުގަދަކުރުމުގެ ބޭނުމުގައި ކަމަށެވެ.
މޯލްޑިވިއަނުން އެ މަންޒިލްތަކަށް ދަތުރުކުރާނީ އެއާބަސް އޭ320 ގަ އެވެ. އެ ބޯޓުގައި 152 މީހުންގެ ޖާގަ ހިމެނޭއިރު ކަސްޓަމަރުންނަށް 20 ކިލޯގެ ލަގެޖް ގެންދެވޭނެކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.
އަލަށް ހުޅުވާލި ފެއާ ރޭޓުގައި ދަތުރުތަކަށް ޓިކެޓް ނެގުމުގެ ފުރުސަތު މޯލްޑިވިއަނުން މިހާރު ވަނީ ހުޅުވާލާފައެވެ.
މޯލްޑިވިއަނުން އަންނަނީ ގައުމީ އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރަމުންނެވެ. މިވަގުތު އެ ކުންފުނީގެ ފްލީޓުގައި 26 ބޯޓު އެބައޮތެވެ.