ENGLISH
10 އޮކްޓޯބަރު 2025
ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަން އިސްކުރުން މުހިންމު: ފަސްޓް ލޭޑީ
10 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު. --ފޮޓޯ: ރައީސް އޮފީސް
ކުއްލި ހާލަތްތަކަށް އިޖާބަދޭއިރު، ކުލުނުވެރިކަން އިސްކުރުމުގެ އިތުރަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، "އެކްސް" އެކައުންޓުގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ ކުއްލި ހާލަތްތަކުގައި ވެސް ނަފްސާނީ އެހީތެރިކަން ލިބޭނެކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރަމުންދާއިރު، ދުނިޔޭގެ ކަންކޮޅުތަކުގައި ހަނގުރާމަތަކާއި އެކި ކާރިސާތަކާ އަދި ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ މަތިން ހަނދާން އާކޮށް އެފަރާތްތަކާ އެކު އަޅުގަނޑުމެން އަބަދުވެސް ވާކަން ހާމަކޮށްދޭން ޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި މިފަދަ ހާލަތްތަކުގައި އަބަދުވެސް އެންމެ ބޮޑަށް ގެއްލުން ލިބެނީ އަންހެނުންނާއި ކުޑަކުދިންނަށްކަން ފާހަގަކުރައްވާ އެކަމަނާ ވަނީ އެފަރާތްތަކަށް އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވެފައެވެ.
ކުއްލި ހާލަތްތަކުގައި ނަފްސާނީ އެހީތެރިކަމުގެ މަތިން ހަނދާން ނެތޭ ކަމަށާއި އެކަމަކު އެއީ އިޚްތިޔާރަކަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަކީ އިންސާނީ ހައްގެއް ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. އެކަމަނާގެ މެސެޖް ނިންމަވާލައްވާފައި ވަނީ ކޮންމެ ކުއްލި ހާލަތެއްގައި ވެސް ލޯތްބާއި އަޅާލުމާއި އޯގާތެރިކަމުގެ އިތުރުން ނަފްސާނީ އެހީތެރިކަން ބޭނުންވާނެކަމަށް ވިދާޅުވަމުންނެވެ.
ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 24 ގަޑިއިރުގެ ހެލްޕްލައިން ޚިދުމަތެއް ގާއިމުކޮށްފައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދީތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ.