ENGLISH

03 ފެބްރުއަރީ 2026

Advertisement

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަކީ ހައްގެއް، އެ ދާއިރާ ހަރުދަނާ ކުރަން ސަރުކާރުން އިސްކަން ދޭނެ: ރައީސް

10 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ހައްގެއް ކަމަށާއި، ނަފްސާނީ ސިއްހަތު ކަށަވަރު ކުރުމަށް މި ސަރުކާރުން ގައުމީ ފެންވަރުގައި ވަރަށް އިސްކަންދެއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" އެކައުންޓުގައި ހިއްސާ ކުރެއްވި މެސެޖެއްގައި އެމަނިކުފާން ވިދާޅުވީ ކާރިސާގެ ވަގުތުތަކުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ބޮޑު ކަމަށެވެ. 

މި އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިޢާރަކީ "އިންސާނީ ކާރިސާގެ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން" މިއެވެ. މި ޝިޢާރަށް އަލިއަޅުއްވާލައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ އިންސާނީ ކާރިސާގެ ހާލަތްތަކުގައި ދިރިއުޅެން ޖެހިފައިވާ މީހުންނަށް ބައިނަލްއަގުވާމީ ގޮތުން އެހީތެރިވުމަށް އަވަސް ފިޔަވަޅުތަކެެއް އެޅުމަށް ގޮވާލައްވައިފަ އެވެ. ޚާއްސަކޮށް ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އެމަނިކުފާން ފާހަގަކުރެއްވި އެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤުގެ މައިގަނޑު އަސާސެއް ކަމަށާއި އަދި އެއީ ވިލުންތެރި އިންސާނީ، އާއިލާތަކާއި، މުޖުތަމަޢުތައް ބިނާކުރުމުގެ ބިންގާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެމަނިކުފާނުގެ ޒަޢާމަތުގައި ސިޔާސަތުތަކާއި، ރޭވުންތަކާއި، ބަޖެޓުގެ ތެރެއިން ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަސައްކަތްޕުޅުކުރައްވާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވާފައެވެ. އެގޮތުން، މެންޓަލް ހެލްތު ޤާނޫނުގެ ދަށުން، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، އަމިއްލައަށް މަރުވުންފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ނަފްސާނީ ފަރުވާ އަތޮޅުތެރެއަށް ފުޅާކުރުމުގެ ގޮތުން ޓެލެ-މެންޓަލް ހެލްތު ކުރިއަށް ގެންދިޔުމާއި، ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ޚިދުމަތް އިމަރޖެންސީ ރެސްޕޮންސް ނިޒާމުގެ ތެރެއަށް ފުޅާކުރުން ހިމެނޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ އެކްސް އެކައުންޓު މެދުވެރިކުރައްވައި، މޫސުމީ، ޞިއްޙީ އަދި އިންސާނީ ކާރިސާތަކުގައި ޢަމަލުކުރާ އިމަޖެންސީ ރެސްޕޮންސްތަކުގައި ނަފްސާނީ ފަރުވާވެސް ހިމެނުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި، ދިވެހިންގެ ވިލުންތެރިކަމާއި، އުންމީދާއި، ހިތްވަރު އިތުރަށް ވަރުގަދަކުރުމުގައި ޖަމުޢިއްޔާތަކާއި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ސަރުކާރުން ގުޅިގެން މަސައްކަތްކުރަމުންދާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ. ޚާއްސަކޮށް މޫސުމީ ކާރިސާތަކާއި ސިއްހީ ގޮތުން ދިމާވާ ކަންކަމާ އަދި އިންސާނީ ކާރިސާގެ ވަގުތުތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖް ނިއްމަވާލައްވާފައި ވަނީ ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި ޢާއިލާތައް އަދި ގައުމުތަކުގެ ވެސް ބިންގާ ކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވަމުންނެވެ.

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މިސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 24 ގަޑިއިރުގެ ހެލްޕްލައިން ޚިދުމަތެއް ގާއިމުކޮށްފައެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި، މުޅި ރާއްޖޭގައި ފަސޭހައިން ފަރުވާ ލިބޭނެ ގޮތް އެކަށައެޅުމަށް ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. 

ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދީތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ. 


ކިޔުންތެރިންގެ ހިޔާލު