ENGLISH
10 އޮކްޓޯބަރު 2025
ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވައިފި
09 އޮކްޓޯބަރު 2025
|
ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ޙައްޖަށް ފޮނުވާ 50 ފަޤީރުން ހޮވުން --
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިޒުގެ ވަޢުދާ އެއްގޮތަށް، ސަރުކާރުގެ ޚަރަދުގައި 1447 ވަނަ ޙައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފިއެވެ.
މިއަހަރުވެސް އެފުރުޞަތު ލިބޭ މީހުން ހޮވާފައިވަނީ ގުރުއަތުންނެވެ.
ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1,000 ފަގީރުން ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ 1445 ވަނަ އަހަރުއެވެ. ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވަޢުދުގެ ދަށުން 1445 ވަނަ އަހަރާއި 1446 ވަނަ އަހަރު ޙައްޖު މޫސުމުގައި ވެސް 50 ފަޤީރުން ޙައްޖަށް ފޮނުވާފައިވެ އެވެ.
މިއަހަރު ޙައްޖަށް ފޮނުވާ ފަގީރުން ހޮވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހަފްލާގައި، ގުރުއަތު ނަގާފައިވަނީ 1447 ވަނަ އަހަރު ސަރުކާރުގެ އެހީގައި ޙައްޖަށް ފޮނުވާ 50 ފަގީރުންނާއި، އެއްވެސް ޙާލަތެއް ދިމާވެގެން މީހަކު އުނިވެއްޖެނަމަ، ފުރުޞަތުދޭނެ 25 މީހުންނެވެ.
ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.
ފަޤީރުންގެ ލިސްޓުގައި މިވަގުތު ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުންނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަޢުރުގެ ތެރޭގައި ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު ނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެއެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1000 ފަޤީރުން ޙައްޖަށް ފޮނުއްވާނޭކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ 18 އޮގަސްޓް 2023 ވަނަ ދުވަހުގެރޭ، ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގެ ކެމްޕޭނުގައި، މ. މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. މި ވަޢުދުގެ ދަށުން މިހާތަނަށް 100 ފަޤީރުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.