ENGLISH
10 އޮކްޓޯބަރު 2025
އެމްޑީޕީން ބުނި "ކޮލެޖް ދަރިވަރު" ޑްރަގާއެކު ހައްޔަރު ކޮށްފި
09 އޮކްޓޯބަރު 2025
|
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނުން
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިި ހައްޔަރުކޮށްފައިވަނީ ނ.ވެލިދޫ / ރެޑިޔަމްވިލާ، އަޙްމަދު މައިޝާން ނަސީމް (20އ) އާއި ނ.ވެލިދޫ / ޑޭޒީމާގެ، ޙަސަން ނާއިމް (26އ) އާއި ނ.ވެލިދޫ / ޖަވާހިރުމާގެ، މުޙައްމަދު ޚަލަފް އިބްރާހީމް (18އ) އަދި ނ.ކުޑަފަރި / ލިލީގެ، އިބްރާހީމް ރިޔާޝް (18އ) އެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މީގެ ތެރޭގައި ހިމެނޭ ޚަލަފްއަކީ މި މަހުގެ ތިންވަނަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި ހައްޔަރުުކުރި ޒުވާނެކެވެ. އޭނާ ހައްޔަރުކުރީ ކޮލެޖުންް ގެއަށް ދިޔަ މަގުމަތީ ކަމަށް އެމްޑީޕީން ބުންޏެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު، އެއެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުންވެސް 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.