ENGLISH
10 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ޚިޔާނާތް، އެމްޑީޕީ ސަރުކާރުން ހިންގި ކޮރަޕްޝަނާއި ވައްކަމުގެ މިސާލެއް: އިންތި
09 އޮކްޓޯބަރު 2025
|
އިންތި ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަނީ. އެމްޑީޕީން ހިންގި ވެންޓިލޭޓަރު ވައްކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި.
ގައުމުގެ ވެރިކަމާ ޙަވާލުވެ އެމްޑީޕީން މިދިޔަ ދައުރުގައި ހިންގި ވެންޓިލޭޓަރު ޚިޔާނާތުގެ މައްސަލައަކީ ސަރުކާރަކުން ކުރާނެ ކޮރަޕްޝަނާއި ވައްކަމުގެ ލާމަސީލު މިސާލެއް ކަމަށް، މީގެކުރިން އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ތަމްސީލުކުރެއްވި އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ވެންޓިލޭޓަރުގެ ޚިޔާނާތް ހިންގީ ކޮވިޑް ދުވަސްވަރުގައެވެ.
އެ ވެރިކަމުގައި 2020 ވަނަ އަހަރު ހެލްތު މިނިސްޓްރީން ވަނީ 75 ވެންޓިލޭޓަރު ގަންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްފައެވެ. އެކަމަށް 8.9 މިލިއަން ދިރުހަމް ނުވަތަ 37 މިލިއަން ރުފިޔާ ދޭން ނިންމިއެވެ. އަދި 34 މިލިއަން ރުފިޔާ އެއްފަހަރާ ދޫކޮށްފައިވެއެވެ.
އެ ފައިސާ އެ ކުންފުންޏަށް ސަރުކާރުން ދެއްކި ނަމަވެސް ވެންޓިލޭޓަރުތަކެއް ނުލިބުނެވެ. ވަރަށް މަދު ވެންޓިލޭޓަރުތަކެއް ލިބުނު ނަމަވެސް އެއިން ވެންޓިލޭޓަރެއް ވެސް ބޭނުން ކުރެވޭ ފަދަ ޙާލަތެއްގައި ނެތެވެ. އެ މައްސަލަ ދިވެހި ދައުލަތުން ހުށަހެޅީ ދުބާއީގެ ކޯޓަށެވެ.
މައްސަލަ ބެލުމަށް ފަހު ދުބާއީ ކޯޓުން އޮކްޓޫބަރު 7، 2025 ގައި ވަނީ، ދިވެހި ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފައެވެ.
އެ މައްސަލައާ ޙަވާލާދެއްވައި އިންތި "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި، ވަގަށް ނަގާފައިވާ ފައިސާ ހޯދުމާ ގުޅޭގޮތުން ދުބާއީގެ ކޯޓުން ކުރި ހުކުމުން އެމްޑީޕީގެ ކޮރަޕްޝަނާއި ވައްކަން ހާމަވެގެންދާ ކަމަށެވެ.
"ވެންޓިލޭޓަރު ކޭސް އަކީ ސަރުކާރަކުން ހިންގާނެ ކޮރަޕްޝަންގެ ބިޔަ މިސާލެއް. އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާއި ކްރިމިނަލް ތަހުޤީގުތަކުން އެކަން ވަނީ ހާމަވެފައި،" އިންތި ވިދާޅުވިއެވެ.
ދިވެހި ސަރުކާރުން ވަނީ އެ ފައިސާ މި މަރުހަލާ އެ ކުންފުނިން ނުލިބިއްޖެނަމަ އެ ފައިސާ ހޯދަން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
އިންތި އަކީ އެމްޑީޕީގައި ހުންނަވައި އެ ޕާޓީ ދޫކުރައްވައި މިދިޔަ ދައުރުގައި ދަ ޑިމޮކްރަޓްސްއާ ގުޅިވަޑައިގަތުމަށްފަހު އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އޭރު އެބޭފުޅާ ޕޯޑިއަމްތަކުގައި އެންމެ ގިނައިން ދެއްކެވީ އެމްޑީޕީގެ ވެރިކަމުގައި ހިންގި ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގެ ވާހަކައެވެ.
އެމްޑީޕީގެ ވެރިކަމުގައި ހިންގި ވެންޓިލޭޓަރު ވައްކަމުގެ މައްސަލައާ ގުޅިގެން އެ ޕާޓީއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި، އެ ޕާޓީގައި މަސައްކަތްކުރާ ބައެއް ބޭފުޅުން ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.