ENGLISH

10 އޮކްޓޯބަރު 2025

Advertisement

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ މަހު ރަސްމީކޮށް ހުޅުވަނީ

09 އޮކްޓޯބަރު 2025

|

ޢަލީ ޝަހީމް

ހަނިމާދޫ އިންޓަނޭޝަން އެއާޕޯޓުގެ އާ ޓާމިނަލް. މަޝްރޫޢު ނިންމައި ސަރުކާރުން އަންނަނީ އަންނަ މަހު ހުޅުވަން ތައްޔާރުވަމުން.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި އަންނަ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. 

ރާއްޖޭގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވަން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. މިހާރު ކުރަމުން އަންނަނީ ޓާމިނަލް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އިބްރާހީމް ޝަރީފް ވިދާޅުވިއެވެ. 

ރަސްމީކޮށް ހުޅުވުމުގެ ކުރިން އާ ޓާމިނަލް ބޭނުންކުރަން ފަށަން އެމްއޭސީއެލްއިން ވަނީ ނިންމައިފައެވެ. އާ ޓާމިނަލް ބޭނުންކުރަން ފެށުމަށްފަހު، އޮޕަރޭޝަންސްތައް އެ ޓާމިނަލަށް ބަދަލުކޮށް ކުރީގެ ޓާމިނަލް ތަޅާލަން ވަނީ ނިންމައިފައެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ކުރިން އިދާރާތަކާއެކު ބާއްވާ ބައްދަލުވުންތައް އެމްއޭސީއެލުން މިހާރު ވަނީ ފަށައިފައެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތަކީ ސަރުކާރުން ކުރަމުން އަންނަ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. އެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އިންޑިއާގެ ކަލްފަތަރު ޕްރޮޖެކްޓްސްއާ ހަވާލުކުރީ 2022 ވަނަ އަހަރެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ދެ އަހަރު ތެރޭގައި ނިންމާ ގޮތަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ އޮގަސްޓް މަހު ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ނޮވެމްބަރު މަހު އާ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި ބޭނުންކުރަން ފެށޭނެކަމަށް ވިދާޅުވެފައެވެ. 

އާ ޓާމިނަލާ އެކު އެ އެއާޕޯޓުން ފުރާ ފަސިންޖަރުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެކޭ އެއްގޮތަށް ބޭންކު ރޭޓުގައި ޑޮލަރު ގަންނަން ލިބޭގޮތް ހަމަޖައްސާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު