ENGLISH
28 އޮކްޓޯބަރު 2025
ދަނގެތީ ދާއިރާއަށް އަޅާލެއްވި ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު: މެންބަރު ޢަބްދުﷲ
08 އޮކްޓޯބަރު 2025
|
ރައީސް މުޢިއްޒުގެ އަރިހުގައި މެންބަރު ޢަބްދުﷲ ރަޝީދު --
ދަނގެތީ ދާއިރާއަށް އަޅާލެއްވި ހަމައެކަނި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް އެ ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު ވަނީ މިދިޔަ ހޯމަ އިން ބުދަ ދުވަހަށް އދ އަތޮޅު މީހުން ދިރިއުޅޭ 10 ރަށަށް ވަޑައިގެންފަ އެވެ. ރައީސްގެ އަރިހުގައި ދަނގެތީ ދާއިރާގެ ރަށްތަކަށް މެންބަރު ޢަބްދުﷲ ރަޝީދު ވަނީ ވަޑައިގެންފަ އެވެ.
އެ ދަތުރުފުޅާއި ގުޅޭގޮތުން މެންބަރު ޢަބްދުﷲ ރަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ރައްޔިތުން ވޯޓްދެއްވައިގެން މިހާތަނަށް ވަރަށް ގިނަ ރައީސުން ވެރިކަން ކުރައްވައިފި ކަމަށެވެ. އެ ރައީސުންނަށް ވޯޓް ދެއްވި ލިސްޓްގައި ދަނގެތި ދާއިރާއަށް ނިސްބަތްވާ ރައްޔިތުން ހިމެނޭ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
މެންބަރު ވިދާޅުވީ ދަނގެތި ދާއިރާގަ ހިމެނޭ ދަނގެތި، އޮމަދޫ، ދިގުރަށް، މަންދޫ ދިއްދޫ ރައްޔިތުންނަކީ ވަރަށް ކިޔަމަންތެރި، ހުލްގުހެޔޮ ބައެއް ކަމަށާ އެއިރެއްގެ އެއޮންނަ ވެރިކަމާއި ދެކޮޅަށް އަޑުއުފުލާ ބައެއް ނޫން ކަމަށެވެ.
“ނަމަވެސް ހިތާމަޔަކީ 2023 ކުރިން އައި ސަރުކާރުތަކުގެ އިސްވެރިންނަށް މިރަށްތައް ނުފެންނަކަން. އެއިރުވެސް ވަޢުދުވި. ކޮމިޓްމެންޓް ދެއްވި. ކަންކުރާނެ ގޮތުގެ ޕްލޭންވެސް ދެއްވި. ނަމަވެސް ވަޢުދުވި މަގުން ތަރުތީބެއްނުވޭ،”
ނަމަވެސް މެންބަރު ވަނީ މިއަދުގެ ތަފާތު ވިދާޅުވެ ދެއްވާފަ އެވެ.
“ތަފާތަކީ 2023 ގައި ވެރިކަމަށް ވަޑައިގެންނެވި މިއަދުގެ ރައީސް ޑަކްޓަރ މުހަންމަދު މުއިއްޒު ވިދާޅުވި ގޮތަށް، ވިދާޅުވި ގޮތަށްވުރެ އިތުރަށް ދާއިރާގެ ރަށްތަކުގެ މަސައްކަތްތައް ފަށްޓަވައި، އަމަލީގޮތުން ކުރިއަށްދާކަން. ރައްޔިތުން މިއަދު ތިބީ އުފަލުން،” މެންބަރު ޢަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ މިފަހަރު ރައީސް މުއިއްޒު ދާއިރާގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހިތާރޫހުން ރައީސްއަށް ހޫނު މަރުހަބާ ދެންނެވީ މިސަބަބުތަކާއިހުރެ ކަމަށެވެ.
އަދި މިހާތަނަށް ދަނގެތި ދާއިރާއިން ރައީސްކަން ކުރެއްވި ބޭފުޅަކަށް ނުކިޔާފަދަ ކުލުނުން ފުރިގެންވާ މަރުހަބާ އެއް ރައީސް މުއިއްޒު އަށް ކިޔާފައިވާ ކަމަށް ވިދާޅުވި އެވެ.
“ޝުކުރިއްޔާ ދަނގެތި ދާއިރާ ރައްޔިތުން. ޝުކުރިއްޔާ މިއަދުގެ ރައީސް މުޢިއްޒު މިއަދު މަނިކުފާނުގެ ޓީމްދަނީ ބޮޑުވަމުން. އަދިވެސް ދާނީ ކުރިއަށް. އިންޝާ ﷲ،” މެންބަރު ޢަބްދުﷲ ރަޝީދު ވިދާޅުވި އެވެ.