ENGLISH
28 އޮކްޓޯބަރު 2025
ކުނބުރުދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
08 އޮކްޓޯބަރު 2025
|
އދ. ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެ ކަމަށާއި އެ މަސައްކަތް ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި ކުނބުރުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކުނބުރުދޫގެ ތަރައްޤީއަށްޓަކައި ޢަމަލީ މަސައްކަތް މިއަދު ފެށި އަދި ސޮއިކުރެވުނު މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގޮސް ނިންމަވައިދެއްވާނެ ކަމަށެވެ.
ކުނބުރުދޫ ސްކޫލްގައި ބޭއްވި މަޝްވަރާބައްދަލުކުރެއްވުމުގައި، ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރަށުގައި މި ވަގުތު ދިރިއުޅެމުންދާ ރައްޔިތުންގެ އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުނބުރުދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުނބުރުދޫގައި މިއަދު ޢަމަލީ މަސައްކަތް ފެއްޓެވި އަދި ސޮއިކުރެއްވި މަޝްރޫޢުތަކަކީ ރަށުގެ ތަރައްޤީގެ ކުރިމަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެއިން ކޮންމެ މަޝްރޫޢެއްވެސް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.
މި ބައްދަލުވުމުގައި ވަނީ ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ސްކޫލްގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އދ. އަތޮޅުގައި އޮންނަ ފޮފަޅަގައު، ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާތީ އެތަން ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ވަނީ ޙަވާލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން އަޑުއައްސަވައި، ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މިއީ ރާއްޖޭގެ ރައީސަކު އދ. ކުނބުރުދުއަށް ވަޑައިނުގަންނަވާތާ 16 އަހަރު ފަހުން ރައީސަކު އެ ރަށަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސް ޑރ. މުޙައްމަދުގެ ކުރިން ކުނބުރުދު އަށް އެންމެ ފަހުން ވަޑައިގެންނެވީ ރައީސް މުޙައްމަދު ނަޝީދު އެވެ. އެއީ 2009 ވަނަ އަހަރު އެވެ.
ކުނބުރުދޫ ކައުންސިލް ރައީސް މުހައްމަދު ޔަޒްމީ ވިދާޅުވީ 2009 ވަނަ އަހަރު ފަހުން ތިން ވެރިކަމެއް ބަދަލުވި އިރު، ވެސް އެ ރަށަށް ރައީސަކު ވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން ރައީސް މުޢިއްޒު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ އެ ރަށަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.