ENGLISH
18 އޮކްޓޯބަރު 2025
މިދިޔަ 24 އަހަރުތެރޭ ނުވި ކަމެއް، 8 މަހުން 95 ރަށުގައި އޭޓީއެމް!
08 އޮކްޓޯބަރު 2025
|
އދ. މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުން. ސަރުކާރުގެ އަމާޒަށް މަހެއްތެރޭ ވާސިލްވާނެ. ފޮޓޯ: ރައީސް އޮފީސް
މުޅި ރާއްޖެ ޝާމިލްވާގޮތަށް ބޭންކިން ވިޔުގަޔަކުން ގުޅާލުމުގެ މަސައްކަތް ސަރުކާރުން ފެށީ 2000 ވަނަ އަހަރެވެ. އެގޮތުން ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ފަށައި، ރާއްޖޭގެ ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް އޭރު ފެށިއެވެ.
މިދިޔަ 24 އަހަރުގެ ދިގު މާޒީގައި އެކި ސަރުކާރުތަކަށް މާލެ ފިޔަވައި ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ފެށުނީ މަދު ރަށްތަކެއްގައެވެ. މަޑު ދުވެލީގައި ވިޔަސް އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވާން ފެށުމަކީ ރަށްރަށުގެ ރައްޔިތުންނަށް ލިބުނު އުފަލެކެވެ. މާލީ މުޢާމަލާތްތައް ކުރުމުގައި ހޭދަކުރަންޖެހޭ ތަކުލީފުތައް، އުފަން ރަށުގައި ފެށި އޭޓީއެމްގެ ޚިދުމަތާއެކު ކުޑަވެގެންދިޔައެވެ. ޖެހިގެން އޮތް ރަށަށް ބޮޑު ޚަރަދުކޮށް ފައިސާނަގަން ކުރި މަސައްކަތާއި ހޭދަވި ވަގުތަށް ނިމުން އައެވެ.
ޒަމާނީ ބޭންކިން ޚިދުމަތް އަމިއްލަ ވަޒަނުން ލިބުމުގެ އުއްމީދު ދިވެހީން ދެކެމުން އައިނަމަވެސް، މިދިޔަ ދިގު މާޒީގައި އެކަން އޮތީ މަޑުޖެހިފައެވެ. އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް އިޢުލާނުކުރައްވައި، އެ ޚިދުމަތް އަލުން އުފަންކުރުވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ބީއެމްއެލްއާ ގުޅިގެން ސަރުކާރުން އެ މަޝްރޫޢުގެ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރައީސުލްޖުމްހޫރިއްޔާ އދ. ފެންފުށީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުގެ ސަރުކާރުން މިވަނީ އަހަރެއް ނުވަނީސް 95 ރަށުގައި އޭޓީއެމްގެ ޚިދުމަތް ފަށައިފައެވެ. ކުރީގެ ސަރުކާރުތަކަށް 24 އަހަރުތެރޭ ޚިދުމަތް ފެށުނީ 81 ރަށުގައެވެ. މާޒީގައި އެ ސަރުކާރުތަކަށް ނުދެވުނު ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގާތްގަނޑަކަށް 8 މަސްތެރޭ ވަނީ ފުރިހަމަކޮށްފައެވެ.
މިއަހަރު މިހާތަނަށް ޤާއިމުކުރި 95 އޭޓީއެމްއާއެކު، ބީއެމްއެލްގެ 250 އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖޭގައި މިހާރު އޮޕަރޭޓް ކުރެއެވެ. ރާއްޖޭގެ 20 އަތޮޅުގެ ތެރެއިން 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިހާރު އެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހުން އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގައެވެ. އެގޮތުން އެ އަތޮޅު ދިއްދޫއާއި ފެންފުށީގެ އިތުރުން ކުނބުރުދޫ އަދި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވިއެވެ.
އޭޓީއެމްގެ ޚިދުމަތް 2025 ވަނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖޭއަށް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއްކަން ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެ މަޝްރޫޢު ޙަޤީގަތަކަށް ހެދުމަށް، މިހާރު އޭޓީއެމްގެ ޚިދުމަތް ނުދެވި ވަނީ އެންމެ 10 ރަށުގައެވެ. އެއީ ލ. އަތޮޅުގެ ހަތް ރަށާއި، ޅ. އަތޮޅުގެ އެއް ރަށުގެ އިތުރުން އައްޑޫ ސިޓީގެ ދެ ރަށުގައެވެ. އެރަށްތަކުގައި ކުރިއަށް އޮތް މަހުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ފެށޭނެކަމުގެ ޔަގީން ބީއެމްއެލްއިން ވަނީ ދީފައެވެ.
އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ވެގެންދިޔައީ ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައި އޮތް މުހިއްމު ޚިދުމަތަކަށެވެ. އެހެންނަމަވެސް، އިދިކޮޅު ބައެއް ފަރާތްތަކުން އައީ ސަރުކާރުގެ އެ މަސައްކަތަށް ފާޑުކިޔަމުންނެވެ. އެގޮތުން އެއީ އާދައިގެ ޚިދުމަތެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރިއެވެ.
މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. ނެއްލައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އޭޓީއެމްގެ ޚިދުމަތަށް ފާޑުކިޔާ ފަރާތްތަކަށް ރައްދު ދެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އޭޓީއެމްތައް ގާއިމުކުރުމުގެ މަގުސަދަކީ މާލީ ހިދުމަތްތައް ހަމަހަމަ ގޮތެއްގައި ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އެފަދަ ފަރާތްތަކަށް ރައްދުދެއްވައި ރައީސް ވިދާޅުވީ އޭޓީއެމް ބެހެއްޓުމުގެ މުހިއްމުކަން ރަށްރަށުގެ ރައްޔިތުންނަށް ނުވިސްނޭނަމަ، އެކަންކަން އާދައިގެ ކަންކަމުގެ ގޮތުގައި ދައްކުވައިދެވިދާނެ ކަމަށެވެ.
"އެހެންނޫނީ މިވާ ގޮތަކީ މި އޭޓީއެމްތައް ނުހުންނަ ރަށްރަށުގެ ރައްޔިތުން ކައިރިން އޭޓީއެމް ހުންނަ ރަށްރަށަށް އަތުން ފައިސާ ހަރަދުކޮށްފައި ފައިސާ ޖަމާކުރަން ނުވަތަ ނަގަން ދާންޖެހެނީ. އެކަމަކު މިހާރު (އޭޓީއެމް ހިދުމަތް ގާއިމުވުމުން) ވަރަށް ފަސޭހަވޭ. އަދި އެ ރަށްރަށުގައި އެކި މަސައްކަތްކުރާ ފަރާތްތަކަށްވެސް މާލީ މުއާމަލާތްތައް ކުރަން ފަސޭހަވޭ،" - ނެއްލައިދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިއެވެ.
އޭޓީއެމްގެ ޚިދުމަތް ރަށްރަށުން ލިބުމަކީ ހަމައެކަނި އަމިއްލަ ފަރުދުންނަށް ލިބޭ ފަސޭހައެއް ނޫނެވެ. އެއީ ރާއްޖޭގެ ބޭންކިން ނިޒާމަށް ވެސް ލިބިގެންދާ ކުރިއެރުމެކެވެ. އެގޮތުން، އޭޓީއެމްގެ ޒަރިއްޔާއިން ހުޅުވޭ ފަސޭހަ ދޮރުގެ ސަބަބުން ގޭގައި ފައިސާ ފޮރުވުމުގެ ބަދަލުގައި ބޭންކިން ނިޒާމަށް އެ ފައިސާ ވަދެއެވެ. ބޭންކިން ނިޒާމު ބޭނުންކުރާ މީހުންގެ އަދަދު އިތުރުވުމަކީ އިގްތިސާދު ވަރުގަދަވެ، ކްރެޑިޓް ކްރިއޭޝަނާއި އިންވެސްޓްމަންޓަށް މަގުފަހިވެގެންދާނެކަމެކެވެ.
މާމިގިލީގައި އަލަށް އިމާރާތްކުރާ ބީއެމްއެލް ބްރާންޗްގެ މަސައްކަތުގެ ބިންގާ އެޅުން. ބޭންކިން ނިޒާމު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން. ފޮޓޯ: ރައީސް އޮފީސް
ބޭންކިން ނިޒާމަށް ވަންނަން އޮންނަ ދޮރު ރަށްރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދިއުމަކީ އެކަމުގެ ސަބަބުން އެރަށެއްގައި ހަރަކާތްތެރިވާ ހުރިހާ ފަންތިއެއްގެ ވިޔަފާރިތަކަށްވެސް ބާރުވެރިކަން ލިބިގެންދާނެ ކަމެކެވެ. އަދި އިތުރު ވިޔަފާރިތައް ފަށައި، އެ ރަށެއްގެ އިގްތިސާދު ވެސް ފުޅާވުމަށް އޭޓީއެމްގެ ސަބަބުން މަގުފަހި ވެގެންދާނެއެވެ.
އޭޓީއެމްގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫޢުގެ އިތުރުން، ބޭންކިން ނިޒާމު އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ އިތުރު މަޝްރޫޢުތައް ވެސް ހިންގަމުންނެވެ. އެގޮތުން ބީއެމްއެލްގެ ބްރާންޗްތައް އަތޮޅުތެރޭގައި ޤާއިމުކުރުމާއި، ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް މިހާރު ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ.