ENGLISH
18 އޮކްޓޯބަރު 2025
މަންދޫގައި ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށައި، ސްކޫލް އިމާރާތް އަޅަން ހަވާލުކޮށްފި
08 އޮކްޓޯބަރު 2025
|
މަންދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ ބިންގާ އެޅުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އދ. މަންދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިއްމު ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެރަށުގައި ބިނާކުރާ ސްކޫލް އިމާރާތުގެ މަސައްކަތް ޙަވާލުކުރައްވައިފިއެވެ.
މަންދޫގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މިއަދު ބިންގާ އަޅައި، އަމަލީ މަސައްކަތް ފެށީ އެރަށުގައި ޞިއްޙީ މަރުކަޒު އިމާރާތްކުރުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) އެޅުމާއި އެރަށުގެ ޒުވާނުން އެންމެ ބޮޑަށް ބޭނުންވާ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމެވެ.
މަންދޫގައި ކުރިއަށްގެންދަން މިއަދު އެއްބަސްވުމުގައި ސޮއިކުރީ އެރަށުގެ ސްކޫލް އިމާރާތެވެ. ސްކޫލް އިމާރާތުގައި 12 ކްލާސް ރޫމާ އެކު މަލްޓި ޕަރޕަސް ހޯލު ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، އެރަށު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން އަލަށް ފެށި މަޝްރޫޢެކެވެ. އެ މަޝްރޫޢުގެ މަސައްކަތް ކުރާނީ އެމްޓީސީސީންނެވެ.
މަންދޫގައި ތަރައްޤީކުރާ ޞިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު އަސާސީ ޚިދުމަތްތަކާއި އިތުރު ވަސީލަތްތައް ތަރައްޤީކުރެވިގެންދާނެއެވެ. އެރަށުގެ ޞިއްޙީ މަރުކަޒު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރު އެވެ.
މަންދޫގެ އެފްއާރުސީ އާއި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ފިޓްނަސް ސެންޓަރުތައް މުޅި ރާއްޖޭގައި ސަރުކާރުން ތަރައްޤީކުރަނީ ރަށްރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުންނެވެ. ފިޓްނަސް ސެންޓަރުގެ މަސައްކަތް ހަވާލުކުރީ އެމްއޭސީއެލްއާއެވެ.
މަންދޫގައި ތަރައްޤީކުރާ ފުޓްބޯޅަ ދަނޑާއެކު، ޓާފް އަޅައި ރޭގަނޑު ކުޅެވޭގޮތަށް ލައިޓް ހަރުކުރާނެއެވެ. މަންދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތްކުރާނީ އެމްޓީސީސީންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ވެސް ވަނީ ފައްޓަވައިދެއްވައިފައެވެ. މަންދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު އދ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ޚިދުމަތް ފުޅާކުރެވުނީއެވެ. ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމެވެ.