ENGLISH
18 އޮކްޓޯބަރު 2025
ކުނބުރުދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ސްކޫލް އިމާރާތާއި ބިން ހިއްކުން އަދި ބަނދަރު ތަރައްޤީކުރަން ޙަވާލުކޮށްފި
08 އޮކްޓޯބަރު 2025
|
ކުނބުރުދޫ ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ކުނބުރުދޫއަށް މިއަދު ހެނދުނު ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، ކުނބުރުދޫގައި އިމާރާތްކުރާ ސްކޫލުގެ އެކްސްޓެންޝަނާއި ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައިފިއެވެ.
މުޅި ރާއްޖޭގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފެށުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން ކުނބުރުދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި އދ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވައިފައެވެ. އެގޮތުން އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކުނބުރުދޫގެ އިތުރުން ދިއްދޫ، ފެންފުށި އަދި މަންދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވިއެވެ.
ކުނބުރުދޫ ސްކޫލް އިމާރާތާއި ބިން ހިއްކުމާއި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރީ އެމްޓީސީސީއާއެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ އެވެ.
ކުނބުރުދޫ ސްކޫލުގައި އާ އިމާރާތެއް އަޅާއިރު، މަލްޓި ޕަރޕަސް ހޯލެއް ވެސް ތަރައްޤީކުރާނެއެވެ. އަދި، އެރަށަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމާއެކު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ކުނބުރުދޫ ސްކޫލް އިމާރާތް އެޅުމަށް އެމްޓީސީސީއާއެކު ސޮއިކުރުން. ފޮޓޯ: ރައީސް އޮފީސް
ކުނބުރުދޫގައި މިއަދު ވަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ބިންގާ ވެސް އަޅައިފައެވެ. ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.
ކުނބުރުދޫގައި ސަރުކާރުން ފެށި މަޝްރޫޢުތަކުގެ ތެރެއިން ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދެ މަޝްރޫޢެއް ނިންމައި، ރަސްމީކޮށް ވަނީ އިފްތިތާޙުކޮށްފައެވެ. އެއީ އެރަށުގައި ސަރުކާރުން ތަރައްޤީކުރި ފުޓްބޯޅަ ދަނޑާއި އެކު ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީކުރި މަލްޓި ސްޕޯޓްސް ކޯޓެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުނބުރުދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިން އަދި ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ.