ENGLISH
08 އޮކްޓޯބަރު 2025
އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ކިޔަވާނީ އޭސީ ކުލާސްތަކުގައި: ރަައީސް
07 އޮކްޓޯބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ --
އަންނަ ދިރާސީ އަހަރު ހުރިހާ ދަރިވަރުން ވެސް ކިޔަވަނީ އޭސީ ކުލާސްރޫމް ތަކުގައި ކަަމަށް ރަައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އެންމެ ބޮޑަށް ދަރިވަރުންގެ ފަރާތުން އައި އެދުމަކީ، ދަރިވަރުން ކިޔަވާ ކްލާސްރޫމްތައް ހޫނުކަމުން، އޭސީކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީ ކުރަން ރައީސް ނިންމެވި އެވެ.
އެކަމަށް ޚާއްސަކޮށް "ކޫލް ސްކޫލް" ޕްރޮޖެކްޓް ފެއްޓެވި އެވެ. އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ މައުލޫއަށް ވާހަކަފުޅު ދައްކަވާ އެކަމުގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށާ ތައުލީމީ ދާއިރާއިން ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެކި ރަށްރަށުގައި އެއް ފަހަރާ ފައްޓަވަައިގެން ކުރިއަށް ގެންދަވާ ކަމަށެވެ.
އޭގެ ތެރޭގައި މުޅީން އަލަށް ފަށާފައިވާ މަޝްރޫޢުތަކާއި ހުއްޓިފައިވާ އެތައް މަޝްރޫއެއް އަލުން ފެއްޓެވުން ފާހަގަ ކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ މަަޝްރޫއުތަކުގެ ތެރޭގައި އެންމެ އިސްކަން ދެއްވި އެއް ކަމަކީ ކުދީންގެ ކިޔެވުމުގެ މާހައުލު ރަނގަޅު ކުރުމާއި ގުޅޭ މަޝްރޫޢު އަށެވެ.
އެއީ ހުރިހާ ކުލާސް ރޫމްތައް އޭސީ / ފިނިކުރުމުގެ މަޝްރޫއު ކަމަށާ އެ މަޝްރޫޢު ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާ ކަމަށެވެ.
"މިއަހަރު ނިމެންވާއިރަށް ހުރިހާ ރަށެއްގެ ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރާނެ. އެކަން ވަރަށް ރަނގަޅަށް އެޑިއުކޭޝަން މިނިސްޓްރީން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ މި އަންނަ ދިރާސީ އަހަރަށް ކުދީން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކުލާސްރޫމްތަކަށް ކިޔަވަން," ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެއް ވެސް އޮތްކަން ފާހަގަ ކުރައްވާފަ އެވެ. ރައީސް ވިދާޅުވީ ދެވަނަ ފިޔަވަހީގައި ސުކޫލް ހޯލްތަކާއި މަަލްޓިޕާޕަސް ހޯލްތައް އޭސީކޮށް ނިންމާނެ ކަމަށެވެ.