ENGLISH
18 އޮކްޓޯބަރު 2025
ކ. ތުލުސްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފަށައިފި
07 އޮކްޓޯބަރު 2025
|
ކ. ތުލުސްދޫ
ކ. ތުލުސްދޫގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ތުލުސްދޫގައި މި ޚިދުމަތް ރަސްމީކޮށް ފެށީ ރޭގައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތަކެވެ. މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވަނީ ޕާސްޕޯޓްގެ ޚިދުމަތް ދޭން ފަށާފައެވެ. އެންމެ ފަހުން މި ޚިދުމަތް ދޭން ފަށާފައިވަނީ ޅ. އަތޮޅު އަދި ގއ. އަތޮޅުގައެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މޯލްޑިވްސް އިމިގްރޭޝަނުންގެ އަމާޒެއް ކަމަށް އެ އިދާރާއިން ބުންޏެވެ. އެހެންނަމަވެސް މި މަހުގެ ނިޔަލަށް މި ޚިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތަށް މިހާރު ހުރިހާ އަތޮޅަކުން އައިޑީ ކާޑު ހެއްދުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ޕާސްޕޯޓު ހެއްދުމުގެ ޚިދުމަތް އަތޮޅުތަކުން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަނީ ވަރަށް ހަލުއި ދުވެލީގައި ކުރަމުންނެވެ.