ENGLISH
18 އޮކްޓޯބަރު 2025
އަތަފަރު، ހަންޏާމީދޫއަށް، އަލިކޮއެ ޓޫރިސްޓުން ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވައިފި
07 އޮކްޓޯބަރު 2025
|
ަރައީސް ހަންޏާމީދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން --
އަރިއަތޮޅު ދެކުނުބުރީ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވައި، އދ. އަލިކޮއެ ރަށް، ޓޫރިސްޓުން ގޮވައިގެން ގޮސް، ބޭނުންކުރުމަށް ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައަޅުއްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަންޏާމީދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ހަންޏާމީދޫއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއެރުން ހޯދަމުންދާ، އަދި ގެސްޓްހައުސް ވިޔަފާރީގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެ، އާމްދަނީ ހޯދަމުން އަންނަ، ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މި ކަންކަމަށް ރިޢާޔަތްކުރައްވައި، ރައްޔިތުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ހަންޏާމީދޫ ކައިރީގައި އޮންނަ އުތުރު އަތަފަރު، ހަންޏާމީދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން، އެ ރަށް ތަރައްޤީކުރުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި އެވެ.
މީގެ އިތުރުން، ރަށާ ކައިރި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުން ވެސް ގެސްޓުން ގޮވައިގެން ދެވޭނެ ހުސް ރަށްތަކެއް ނެތްކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވަނީ އެ ރަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަލިކޮއެ ރަށް، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކުރެވޭނެ ޚާއްޞަ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ނިންމަވާފައިވާކަން އިޢުލާނު ކުރައްވާފަ އެވެ. އެ ރަށް ދެން އެއްވެސް ފަރާތަކަށް ދޫނުކުރައްވާނެ ކަމަށާއި، ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން އެކުލަވާލެވޭ އުޞޫލެއްގެ ދަށުން ހަންޏާމީދޫއާއި އަދި އެ ސަރަޙައްދުގެ އެހެނިހެން ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކަށް އެރަށް ބޭނުންކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ މަޝްރޫޢުތަކަށްވެސް އަލި އަޅުއްވާލެއްވިއެވެ. އެގޮތުން ރަށުގެ ގޮނޑުދޮށްހިމާޔަތް ކުރުމުގެ މަޝްރޫޢާއި ދޯނި އެހެލާ ސަރަހައްދެއް ޤާއިމްކުރުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ދާދިއަވަހަށް، އެއް މަޝްރޫޢެއްގެ ގޮތުގައި ފެށިގެން ދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މިއަހަރު އަމަލީ މަސައްކަތް ފެށިފައިނުވާ، މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، ރަށުގެ ތަރައްޤީއަށް އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.