ENGLISH
18 އޮކްޓޯބަރު 2025
ރައީސް، ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފި
07 އޮކްޓޯބަރު 2025
|
ރައީސް، ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރެއްވުން --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އދ. ހަންޏާމީދޫ ކައުންސިލް އިދާރާގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ހަންޏާމީދޫގައި ގެސްޓްހައުސް ހިންގަވާ ފަރާތްތަކުގެ ވިޔަފާރި ކުރިއަށްގެންދިއުމަށް ހިއްވަރުދެއްވައި، އެ ފަރާތްތަކަށް ވިޔަފާރީގެ ކުރިއެރުމަށް ހުރި އެކިއެކި ހުރަސްތައް އޮޅުންފިލުއްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ގެސްޓްހައުސް ހިންގަވާ ފަރާތަކުން ދެއްކެވި ވާހަކަފުޅުގައި، އެ ރަށަކީ މިހާރުވެސް 15 ވަރަކަށް ގެސްޓްހައުސް ހުރި އަދި މިހާރުވެސް އިތުރު ފަހެއް ނޫނީ ހަ ގެސްޓްހައުސް ހަދަމުންދާ ރަށެއްކަން ފާހަގަކުރައްވާފައިވެ އެވެ. އަދި ފަތުރުވެރިންނާއި ރަށު ރައްޔިތުންނަށްވެސް ޕިކްނިކު ދާނެ ރަށެއްގެ ގޮތުގައި ބޮޑުކާށިހުރާ ލިބެންނެތްނަމަ، އަތަފަރު ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގެސްޓްހައުސް ހިންގަވާ ފަރާތްތަކުން އެދިވަޑައިގެންނެވި ކަންކަމުގައި ސަރުކާރުގެ ތެރެއިން ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެކަމުގެ ޔަގީންކަންދެއްވާފަ އެވެ. އަދި ހަންޏާމީދޫ ރައްޔިތުން ޕިކްނިކު ދިއުމަށް ވެސް ރަނގަޅު ގޮތެއް ހައްދަވައިދެއްވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.