ENGLISH
28 އޮކްޓޯބަރު 2025
ޖަޕާނުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
07 އޮކްޓޯބަރު 2025
|
ޖަޕާނުގެ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުން --
ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު، އިޝިގާމީ ރުމީކޯ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގައެވެ.
މިއަދުގެ ޒިޔާރަތުގައި، ދެ ޤައުމުގެ މެދުގައި އޮތް ގާތް އަދި، ދެމިގެންދާ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ. އަދި، މިއަހަރަކީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި ތަމްރީނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތައުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
އަދި، މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަ ކުރެއްވި އެވެ. އެގޮތުން، ޖަޕާނު ސަރުކާރުން މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު، އިޝިގާމީ ރުމީކޯ، ވަނީ ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައި، ތަޢުލީމާއި، އިޖްތިމާޢީ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވާފަ އެވެ.