ENGLISH

28 އޮކްޓޯބަރު 2025

Advertisement

"ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ނައިބް ރައީސް ހުޅުއްވައިދެއްވައިފި

07 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ދިވެހި ރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓީވެޓް) ގެ ޚިދުމަތް ދޭތާ 50 އަހަރު ފުރޭ މުނާސަބުގައި، މޯލްޑިވްސް ޕޮލިޓެކްނީކްއިން ކުރިއަށްގެންދާ ފޮޓޯ މައުރަޒު "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފު، ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

މިކަމަށްޓަކައި ސިފްކޯ ހޯލުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފޮޓޯ މައުރަޒު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިއްޒަތްތެރިން ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ފިލާ ބޯޑުގައި ސޮއިކުރައްވާފައެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނީކްގެ ދަރިވަރުން ތައްޔާރުކުރައްވާފައިވާ އުފެއްދުމެއް، ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ. މި އުފެއްދުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަތްޕުޅަށް އެރުވީ، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޛޫޝާން ކަމާލުއްދީނެވެ.

އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، "ވޮކޭޝަނަލް ޖަރނީ އިން ފްރޭމްސް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ. މި މައުރަޒަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް ޓީވެޓް ދާއިރާއިން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކާއި، މިދާއިރާއިން ކުރިމަގުގައި ކުރާނެ މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކެއް އެކުލެވޭ މައުރަޒެކެވެ. މި މައުރަޒު ކުރިއަށްދާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 7 އަދި 8 ގައި، ސިފްކޯ ހޯލުގައެވެ.

ތަމްރީނު ލިބިފައިވާ އުފެއްދުންތެރި މަސައްކަތްތެރިންގެ ޚިދުމަތްތައް ޤައުމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާއިރު، މިފަދަ މަސައްކަތްތެރިން އުފައްދަވައި، ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

އެކި އަހަރުތަކުގައި އެކި ނަންނަމުގައި ހިންގަމުން ގެންގޮސްފައިވާ، ދިވެހިރާއްޖޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓީވެޓް) ގެ ޚިދުމަތް ރަސްމީ ސިފައެއްގައި ފެށުނީ 1975 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު