ENGLISH
28 އޮކްޓޯބަރު 2025
ހަންޏާމީދޫ ކައުންސިލްގެ އާ އިމާރާތް ރައިސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި
07 އޮކްޓޯބަރު 2025
|
ހަންޏާމީދޫގައި އިމާރާތްކުރި ކައުންސިލް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
އދ. ހަންޏާމީދޫގައި ސަރުކާރުން އިމާރާތްކުރި ކައުންސިލްގެ އާ އިމާރާތް ރައީސުލްޖުމްހޫޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ހަންޏާމީދޫ ކައުންސިލް އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތް ބައްލަވާލައްވާފައެވެ. އަދި، އާ އިމާރާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ އިސްވެރިންނާ ބައްދަލުކުރައްވާފައިވެއެވެ.
ކައުންސިލް އިދާރާތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި މުޅިން އާ ކައުންސިލް އިމާރާތްތައް އަޅަން މިހާރު ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ރަނގަޅު ފެންވަރުގެ ކައުންސިލް އިމާރާތްތައް ގާއިމުކޮށް، އާއްމު ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތްތައް އިތުރަށް ފުޅާކުރުމެވެ.
ރައީސުލްޖުމްހުރިއްޔާ ހަންޏާމީދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ އިތުރުން ހަންޏާމީދޫގައި ތަރައްޤީކުރާ ވޮލީ ކޯޓުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މި ހަފްތާ ވަޑައިގަންނަވާނީ އދ. އަތޮޅުގައި މީހުން ދިރިއުޅޭ 10 ރަށަށެވެ.