ENGLISH
29 އޮކްޓޯބަރު 2025
މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ވުޒާރާތަކާ ސީދާ މުޢާމަލާތް ކުރެވޭނެ ގޮތް ހަދަނީ
07 އޮކްޓޯބަރު 2025
|
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން، ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން، ވަކި މުއައްސަސާތަކެއްގެ ގޮތުގައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ، ސީދާ ގޮތުން މުޢާމަލާތުކުރެވޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިއްޔަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީ ބަނދަރު ސަރަޙައްދުގައި މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އިންތިޒާމު ހަމަޖެހުމާއެކު، މަސައްކަތުގެ މާޙައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ކުރުންތެރިކަން އިތުރުވެ، އެތައް ގޮތަކުން ކުރިއެރުން ލިބޭނޭކަން ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުޢާމަލާތު ކުރެވޭނޭ އިންތިޒާމު ހަމަޖެހުމާއެކު، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނޭކަމަށެވެ. އަދި ބޭސް ހޯދުމާއި، ވަޒީފާތައް އެޕްރޫވްކުރުމާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ލުއިފަސޭހަވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގެ ތެރޭގައި، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ހިމެނޭކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް މި ކަންކަން ހަމަޖެހޭނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި އެންމެ އާންމު ހުށަހެޅުމެއްގެގޮތުގައި އިވިވަޑައިގަންނަވާ އެއް ހުށަހެޅުން ކަމުގައިވާ، ދަތުރުދާން ޚާއްޞަ ރަށެއް ހަމަޖެހިގެންދިއުމަށް ރައްޔިތުން އެދިލައްވާ އެދިލެއްވުމާ ގުޅޭ، އުންމީދީ ޚަބަރެއް ދެއްވާފަ އެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، ދަތުރު ދިއުމަށް ޚާއްޞަ ރަށެއް ކަނޑައެޅިގެންދާނޭ ކަމަށާއި، އެ ރަށް ވެގެންދާނީ ހަމަޖެހޭ ވަކި އުސޫލެއްގެ މަތިން، ފަތުރުވެރިކަމުގެ ބޭނުމަށާއި، އާންމު ރައްޔިތުންގެ ބޭނުންތަކަށްވެސް ގޮސް އުޅެވޭނޭ ރަށަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަމަށް ބޭނުންވާ ކަރުދާހެއް ތައްޔާރުކުރައްވައި، ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތްތައް މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.